ޒުވާނުންނަށް ބޭނުންވާކަންކަމުގައި މިސަރުކާރުން އެއްވެސް ވަރަކަށް ފަހަތަށް ނުޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ މިއަދު މާލޭގައި ބޭއްވުނު "ޝޭޑްސް އޮފް މައިންޑް" އެގްޒިބިޝަން އިފްތިތާޙްކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޒުވާނުންގެ ކުރިމަގަށްޓަކައި ޒުވާނުން ބޭނުންވާ ކަންކަމަށް ސަރުކާރުގެ ފުރިހަމަ ތާޢީދާއި އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވާ އެއްކަމަކީ ޒުވާނުންނަށް އުޖާލާ ކުރިމަގެއް ހޯއްދަވައިދެއްވުމުގެ މަސައްކަތްކަމަށެވެ. އަދި ރައީސްގެ މެނިފެސްޓޯގައިވެސް އެންމެ އިސްކަމެއް ދެއްވާފައިވާ އެއް ދާއިރާއަކީ ޒުވާނުންނަށް އުފާ ފާގަތި މުސްތަޤުބަލެއް ހޯދައިދިނުންކަން ފާހަގަކުރެއްވިއެވެ.

"ރައީސްގެ ފަރާތްޕުޅުން ދޭން ބޭނުންވާ ޔަގީންކަމަކީ ޒުވާނުން ބޭނުންވާ ކަންކަމުގައި މިސަރުކާރުން އެއްވެސް ވަރަކަށް ފަހަތަށް ނުޖެހޭނެކަމާއި އެކަންކަމަށް ފުރިހަމަ ތާޢީދުކުރާނެކަމުގެ ޔަގީންކަން." ނައިބު ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ނައިބު ރައީސް ވަނީ ޤައުމުގައި ހިންގަމުންދާ އެހެނިހެން ކަންކަމުގެ ތެރޭގައި ހިމެނޭ ޒުވާނުންގެ ކުރިމަގަށް ހުރަސް އަޅާކަންކަމަށް ފުރުޞަތު ނުދިނުމަށް އެދިވަޑައިގަންނަވާފައެވެ. އަދި އެކި ދާއިރާތަކުން ކުރިއަށްދާން އެދޭ ޒުވާނުންނަށް ކާމިޔާބަށް އެދިވަޑައިގެންނެވިއެވެ.

"ޝޭޑްސް އޮފް މައިންޑް" އެގްޒިބިޝަންގައި ބައިވެރިން ހުށައަޅާފައިވާ ކުރެހުންތައް ބައްލަވާލެއްވުމަށްފަހު، ކުރެހުންތަކާއި ގުޅޭގޮތުން ފާހަގަކުރެވޭކަންކަން އާޓިސްޓުން ވަނީ ނައިބު ރައީސްއަށް އޮޅުންފިލުއްވައިދެއްވާފައެވެ.