ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލާއި ނޭޝަނަލް ސައިބަރ ސެކިއުރިޓީ ބިލާއި ބެހޭގޮތުން ޚިޔާލު ހޯދުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ. މި ބައްދަލުވުމުގައި ސަރުކާރާއި، މާލީ އަދި ޓެލެކޮމް ދާއިރާގެ ވިޔަފާރިތަކާއި އަދި އަމިއްލަ ޖަމާޢަތްތައް ހިމެނޭގޮތަށް ގިނަ ފަރާތްތަކެއް ބައިވެރިވި ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
މި ބައްދަލުވުން އިންތިޒާމުކޮށްފައިވަނީ ވޯލްޑްބޭންކްގެ ހިލޭ އެހީގެ ދަށުން އެ ވުޒާރާއިން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓްގެ ދަށުންނެވެ.
ވުޒާރާއިން ބުނީ، ބައްދަލުވުމުގެ ފުރަތަމަ ދުވަހު ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މި ބިލުގެ މަޤްޞަދަކީ ފަރުދުންގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމާއި، އެފަދަ މަޢުލޫމާތު ބޭނުންކުރުމުގެ މިންގަނޑުތަކާއި ޒިންމާތައް ކަނޑައެޅުމެވެ. މި ސެޝަންގައި 39 މުވައްސަސާއަކުން 69 އޮފިޝަލުން ބައިވެރިވިއެވެ.
ނޭޝަނަލް ސައިބަރ ސެކިއުރިޓީ ބިލާއި ބެހޭގޮތުން ބޭއްވި މަޝްވަރާގައި ސެޝަންގައި 32 މުވައްސަސާއަކުން 60 އޮފިޝަލުން ބައިވެރިވި ކަމަށާއި، މި ބިލުގެ މަޤްޞަދަކީ ސައިބަރ ވެށީގެ ނުރައްކާތަކުން ރައްޔިތުންނާއި، ޕްރޮސެސްތަކާއި، ޓެކްނޯލޮޖީ އަދި ދިވެހިރާއްޖޭގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރތައް ރައްކާތެރިކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުން ކަމަށް ވެސް ވުޒާރާއިން ބުނެއެވެ.
މި ބައްދަލުވުން އިފްތިތާޙްކޮށްދެއްވި އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވީ މި ދެ ބިލަކީ ރައްޔިތުންގެ ޒާތީ މަޢުލޫމާތު ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި ދިވެހިރާއްޖޭގެ ޑިޖިޓަލް ސިސްޓަމްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިންމު ދެ ބިލު ކަމަށެވެ.









