ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުމާއި ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވިދާޅުވި ގޮތުގައި، ދަރުމަވަންތަ ހޮސްޕިޓަލް މި މަހުގެ 16 ވަނަ ދުވަހު ރަސްމީކޮށް ހުޅުވާނެއެވެ. މި ހޮސްޕިޓަލަކީ ޓަރޝަރީ ފެންވަރުގެ ހުރިހާ ޚިދުމަތްތަކެއް ލިބެންހުންނާނެ ތަނަކަށް ހެދުމަށް ވަނީ ނިންމާފައެވެ.
"ދަރުމަވަންތަ ހޮސްޕިޓަލަކީ ޙަޤީޤީ ހޮސްޕިޓަލަކަށް ހަދައި، ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހުރިހާ ފެސިލިޓީއެއް ޤާއިމުކޮށް މި މަހުގެ 16 ވަނަ ދުވަހު ހުޅުވާނަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، ހުޅުމާލެ ހޮސްޕިޓަލް ވެސް ޓަރޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް ވަނީ ނިންމާފައެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި މަހުގެ 15 ނުވަތަ 16 ވަނަ ދުވަހު ހުޅުމާލެ ހޮސްޕިޓަލްގެ ހުރިހާ ޚިދުމަތްތަކެއް ޓަރޝަރީ ފެންވަރަށް ގެނެސް، އެ ހޮސްޕިޓަލް ޓަރޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރެވޭނެއެވެ.
"ހުޅުމާލެއަކީ ވަރަށް ގިނަ ރައްޔިތުން އުޅޭ ތަނެއް. އެހެންނަމަވެސް، ޓަރޝަރީ ފެންވަރުގެ ޚިދުމަތެއް އެތަނަކުން ނުދެވޭ. އިރާދަކުރެއްވިއްޔާ، މި މަހުގެ 15 ނުވަތަ 16 ވަނަ ދުވަހު ހުޅުމާލެ ހޮސްޕިޓަލްވެސް ޓަރޝަރީ ފެންވަރަށް ބަދަލުކުރާނަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.