މޫސުމީ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުމަށް ދިވެހިރާއްޖެއާއި ބޫޓާން ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެއްޖެއެވެ. މިކަމަށް އެއްބަސްވީ ޑުބާއީގައި ކުރިއަށްދާ ކޮޕް-29 ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޫޓާންގެ ބޮޑުވަޒީރު ޝެރިންގ ތޮބްގޭއާ ބައްދަލުކުރެއްވުމަށްފަހުއެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ވެރިން ވަނީ ކޮޕް-29 އަށް އެ ބޭފުޅުންގެ ތަޞައްވުރު ހިއްސާކުރައްވައި، މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދެ ޤައުމަކީ ޤުދުރަތީ ގޮތުން ތަފާތު ދެ ޤައުމު ކަމުގައިވިޔަސް، ދެ ޤައުމުގެ ދެމެދު އޮތީ ބަދަހި ގުޅުމެއް ކަމަށެވެ. އަދި ދެ ޤައުމަށްވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގޮންޖެހުންތައް ކުރިމަތިވަމުންދާކަން ފާހަގަކުރެއްވިއެވެ.
ބޫޓާންގެ ބޮޑުވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާ މޫސުމީ ބަދަލުތަކަށް ދެއްވާ ސަމާލުކަމަށް ތަޢުރީފްކުރައްވައި، މިފަދަ މައްސަލަތައް ހައްލުކުރުމުގައި މޫސުމީ ބަދަލުތަކަށް ނާޒުކު ޤައުމުތަކުން ގުޅިގެން މަސައްކަތްކޮށް މުއްސަނދި ޤައުމުތަކުން މިހާރަށްވުރެ ވަރުގަދަ ޔަޤީންކަމެއް ހޯދަންޖެހޭކަން ފާހަގަކުރައްވާފައެވެ.
ބައްދަލުވުން ނިމުނުއިރު، ދެ ޤައުމުން މި ދާއިރާއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރުމަށާއި، މި މަސައްކަތް ވަރުގަދަކޮށް ވިލުންވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގެންފައިވެއެވެ. އަދި ކުރިމަގުގައި ގުޅިގެން މަސައްކަތްކުރުމަށް އިންވެސްޓްމެންޓް ފުރުސަތުތައް ފަހިކޮށް ގުޅުން ހަރުދަނާކުރުމަށްވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.









