ރިޔާޟުގައި އިއްޔެ ބޭއްވުނު އެކުވެރި ޢަރަބި-އިސްލާމީ ސަމިޓުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ތަޤުރީރުގައި ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތުކުރައްވައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފަރާތުން އަވަސް އަދި އެއްބައިވަންތަ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވައިފިއެވެ.
ރައީސް މުޢިއްޒު އެމަނިކުފާނުގެ ތަޤުރީރުގައި ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އަނިޔާތައް ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައި، މި މައްސަލައަށް ދުނިޔޭގެ ފަރުވާކުޑަކަމަށް ނިމުމެއް ގެންނަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ފަލަސްޠީނު ރައްޔިތުންނަށް އުންމީދާއި ޢިއްޒަތް ގެނެސްދެވޭނީ ހަމައެކަނި ތެދުވެރި އަދި އެއްބައިވަންތަ މަސައްކަތްތަކަކުން ކަމަށް ބާރުއަޅުއްވައި ވާހަކަފުޅު ދެއްކެވިއެވެ.
ފަލަސްޠީނަށް އެހީވުމުގައި ދިވެހިރާއްޖޭގެ އިލްތިޒާމު ފާހަގަކުރައްވަމުން، ރައީސް މުޢިއްޒު ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓުގައި ދިވެހިރާއްޖެއިން ފަހުން ކުރި އިންޓަރވެންޝަނަށް އިޝާރާތްކުރެއްވިއެވެ. އަދި އ.ދ.ގެ އަންރުވާ (UNRWA) އުވާލުމަށް އިޒްރޭލުން ނިންމި ނިންމުމާމެދު ދިވެހިރާއްޖެއިން ދެކޮޅުހަދާކަން ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒުގެ މި ތަޤުރީރަކީ ހަމައެކަނި އިންސާނީ ޙައްޤުތަކަށް ދިވެހިރާއްޖޭގެ އިޚްލާޞްތެރިކަން ހާމަކުރެއްވުމުގެ އިތުރުން، ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ އަޑު އުފުއްލަވައި، ފަލަސްޠީނުގެ މައްސަލައަށް ޢަދުލުވެރި ޙައްލެއް ހޯދުމަށް އިސްލާމީ ދުނިޔޭގެ ލީޑަރުންނަށް ގޮވާލެއްވި ގޮވާލެއްވުމެކެވެ. މި ތަޤުރީރުން ދިވެހިރާއްޖެ ބައިނަލްއަޤްވާމީ ޑިޕްލޮމަސީއާއި އިންސާނީ ޙައްޤުތަކުގެ ދާއިރާގައި އަޚްލާޤީ އަޑެއްގެ ގޮތުގައި އުފުލިގެން އަންނަކަން ފާހަގަކޮށްދެއެވެ









