ވޭޕް އެތެރެކޮށް އޭގެ ވިޔަފާރި ކުރުމާއި ބޭނުންކުރުން މަނާކުރުމަށް ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި ބިލު ފާސްކުރީ 54 މެންބަރުންގެ ތާޢީދާ އެކުގައެވެ.
ސަރުކާޜުން ހުށަހެޅި މި ބިލުގެ ދަށުން، ރާއްޖޭގައި ވޭޕް ވިއްކާ ފަރާތްތަކަށް 20,000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ. އަދި ވިއްކޭ ކޮންމެ ވޭޕަކަށް 10,000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ.
މީގެ އިތުރުން، ހިލޭ ވޭޕެއް ދޭ ފަރާތްތަކަށް 10,000 ރުފިޔާގެ ޖޫރިމަނާއަކާއި، ވޭޕް ބޭނުންކުރާ ކޮންމެ މީހަކަށް 5,000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ. މި ބިލަށް ޢަމަލުކުރަން ފަށާނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ވޭޕް ބޭނުންކުރުން މުޅިން މަނާވާނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
އަދި މި ބިލުގައި ހިމެނޭ އިތުރު މުހިންމު ބަދަލެއްގެ ގޮތުގައި، ބުރާސްފަތި ދުވަހުން ފެށިގެން ދުންފަތުގެ އިސްތިއުމާލު ކުރެވޭނެ އެންމެ ދަށް އުމުރު 21 އަހަރު ކަމަށް ވަނީ ނިންމާފައެވެ.









