ޣައްޒާގެ އުތުރުގައި އޮންނަ ބައިތުލް ހަނޫން ގައި އިސްރާއީލު ސިފައިން ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންދާ ކަމަށް ރިޕޯޓް ކޮށްފިއެވެ. ޚަބަރުތައް ބުނާ ގޮތުގައި އެރަށުގައި ތިބި 130 އާއިލާއެއް އެމީހުން ދިރިއުޅޭ ގެތަކުން މަޖުބޫރުން ނެރެ، އެމީހުންނަށް އަނިޔާކުރަމުންދާ ކަމަށާއި، މިކަން ކުރަމުންދަނީ ބިރުދައްކައި ބޮންތައް ގޮއްވައި ބަޑިޖަހަމުން ކަމަށް މަންޒަރު ދުށް ފަރާތްތަކާއި ޙަވާލާދީ ޚަބަރުތައް ބުނެއެވެ.
ގެތަކުން ނެރެ ފޮނުވާލި މީހުން ވަކި މަގަކުން ހިނގުމަށް ވަނީ މަޖުބޫރުކޮށްފައެވެ. އެ މަގަކީ ސަލާހުއްދީން ނަމަކަށް ކިޔާ މަގެކެވެ. އިސްރާއީލް ހަތިޔާޜު އެޅި ސިފައިން މަޖުބޫރުކޮށް އިންޒާރު ދެނީ އެމަގުން ދެކުނަށް ދިޔުމަށެވެ. ޚަބަރުތައް ބުނާ ގޮތުގައި އިސްރާއީލުން ބުނި ގޮތަަށް ހަދައިގެން ޢާންމުން އެ މަގުން ދެކުނަށް ދާއިރުވެސް އެމީހުންނާއި ދިމާއަށް ވަޒަންޖަހާފައި ވެއެވެ.
މީގެ އިތުރުން، އަބޫ އޯދާ، ޝަބަތް އަދި ކަފަރްނާ ނަމަކަށް ކިޔާ އާއިލާތަކުގެ ގެތަކަށް ބޮންއެޅުމުގެ ސަބަބުން 3 މީހުން ޝަހީދުވެ އިތުރު ބަޔަކަށް އަނިޔާވެފައިވާ ކަމަށް ސިއްހީ ފަރާތްތަކާއި ޙަވާލާދީ ޚަބަރުތައް ބުނެއެވެ.
ޣައްޒާ ސިޓީގައިވެސް އަލް-ޖަލާ މަގުގައި ހުރި އަލް-އަމްސީ ނަމަކަށްކިޔާ އާއިލާގެ އެޕާޓްމަންޓަކަށް ބޮންއަޅައި 3 މީހުން ޝަހީދުކޮށްލާފައި ވެއެވެ.
މީގެ އިތުރުން، ޣައްޒާ ސިޓީގެ އުތުރުގައި ހުރި ގިނަ އަދަދެއްގެ ޢިމާރާތްތައް ވަނީ ތަޅާލާފައި ކަމަށާއި، ޖަބާލިޔާ ކޭމްޕުގެ ހުޅަނގުގައި ބޮން ގޮއްވަމުންދާ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.
މިފަދަ ލާއިންސާނީ ޖަރީމާތައް ހުއްޓާލުމަށް އދ. ގެ ސަލާމަތީ މަޖިލީހުންނާއި ބައިނަލްއަޤްވާމީ ކޯޓުން ގޮވާލާފައިވީ ނަމަވެސް، އިސްރާއީލުގެ މިފަދަ ޢަމަލުތައް ހުއްޓިފައި ނުވެއެވެ. އަދި ކާނާއާއި، ފެނާއި، ބޭސްފަރުވާގެ ވަޞީލަތްތައް ޣައްޒާއަށް ވެއްދުން ވެސް ޔަހޫދީން ވަނީ ހުރަސް އަޅާފައެވެ.









