ޣައްޒާގެ ހަނގުރާމަ ހުއްޓާލައި އިސްރާއީލުން ހިންގި އަދި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް މިނިވަން ، ވަކިފަރާތަކަށް ނުޖެހޭ ތަޙުޤީޤެއް ކުރުމަށް ސައޫދީގެ ރިޔާޟްގައި ޢަރަބި އިސްލާމީ ޤައުމުތަކުގެ ވެރިން ބޭއްވި ކުއްލި ސަމިޓު ބައްދަލުވުމުގައި ޑިމާންޑު ކޮށްފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި މި ސަމިޓުގައި ޤައުމުތަކުގެ ވެރިން ވަނީ އިސްރާއީލުގެ އަނިޔާވެރިކަން ވަރަށް ބޮޑަށް ކުށްވެރިކޮށް އެމީހުންނަށް ހަތިޔާރު ނުދިނުމަށް ވެސް ގޮވާލާފައެވެ.
ސަމިޓުގައި ނިންމާފައި ވަނީ ޚާއްސަކޮށް ޣައްޒާގެ އުތުރުގައި ގިނަ ބަޔަކު ރަހުމް ކުޑަކޮށް ޝަހީދުކޮށް ހިންގާފައިވާ ނަސްލު ނައްތާލުމުގެ ޢަމަލުތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ. މީގެ އިތުރުން ލުބުނާންގެ މައްސަލަވެސް ފާހަގަ ކޮށްފައި ވެއެވެ.
ސަމިޓުން ގޮވައިލީ ހެކި ހިފެހެއްޓުމަށާއި އެކަމުގައި ޒިންމާވާ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށް މިނިވަން ބައިނަލްއަޤަވާމީ ތަޙުޤީޤެއް ޤާއިމް ކުރުމަށެވެ.
މީގެ އިތުރުން ލީޑަރުން ވަނީ 1967 ވަނަ އަހަރު ކަނޑައަޅާފައިވާ ބޯޑަރަކީ ފަލަސްޠީނުގެ ބޯޑަރު ކަމަށް ތާޢިދު ކޮށްފައެވެ. އެގޮތުން އިރުމަތީ ގުދުސް އަކީ ފަލަސްޠީނުގެ ވެރިރަށް ކަމަށް ވެސް ޖޮއިންޓް ބަޔާނުގައި ވެއެވެ.
ފަލަސްޠީނުގެ މަސައްކަތުގެ މުހިންމުކަން ފާހަގަކޮށް، ޖޮއިންޓް ސްޓޭޓްމަންޓުގައި ވަނީ މިނިވަންކަމަށްޓަކައި ދުނިޔޭގެ އެހެން ހަނގުރާމަތަކާއި ފަލަސްޠީނު މައްސަލަ އަޅާކިޔާފައެވެ. މީގެ އިތުރުން، ލީޑަރުން ވަނީ އަލް ޤުދުސް (ގުދުސް) ގެ "ރަތް ރޮނގަށް" ބާރުއަޅައި، އޭގެ ސިފަ ބަދަލުކުރުމަށް އިސްރާއީލުން އަޅާ ފިޔަވަޅުތަކާ ދެކޮޅު ހަދާފައެވެ.









