ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ސުލްޠާން ބިން ޢަބްދުލްރަޙްމާން އަލް މަރްޝަދާ އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ.
ސައުދީ އަރަބިއްޔާގެ ރިޔާޟުގައި ކުރިއަށް ދިޔަ ޖޮއިންޓް އަރަން-އިސްލާމިކް އެކްސްޓްރާއޯޑިނަރީ ސަމިޓުގެ ހަވާސާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ ރާއްޖެ އާއި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ދެފަރާތުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނޭ އާގޮތްތައް ހޯދުމާ ގުޅޭގޮތުންނެވެ.
އެގޮތުން މިވަގުތު ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް އިން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫޢުތައް ކުރިއަށްދާ ގޮތް މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ. މީގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް ވައިގެބަނދަރު ތަރައްޤީކުރުމާއި، އެނޫންވެސް ބިނާރާއި މަސްވެރިކަމާ ގުޅޭ މަޝްރޫޢުތައް ހިމެނެއެވެ. ހަމައެއާއެކު މި މަޝްރޫޢުތައް ވަގުތަށް ނިންމުމުގެ ޢަޒުމުގައި ސާބިތުވެ ތިއްބެވިކަން ފާޅުކުރައްވައި، ނަތީޖާ ނެރެވޭފަދަ ތަރައްޤީގެ މަސައްކަތްތަކަށް ދެފަރާތުންވެސް އިޚްލާޞްތެރިކަމާއެކު ދޭ އަހަންމިއްޔަތުކަން ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ، ރާއްޖެ އާއި ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ހިއްސާކުރާ އިޤްތިޞާދީ އަދި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި، ދެފަރާތުގެ ގުޅުން ހަރުދަނާކުރުމަށާއި، ފުޅާ ދާއިރާއެއްގައި އެއްބާރުލުންދިނުމުގައި ސާބިތުވެ ތިއްބެވުމަށް އެއްބަސްވެވަޑައިގަންނަވަމުންނެވެ.









