ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ޖުމްލަ ހަ މެންބަރަކު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މި މައްސަލަ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ވަކިކުރަން ހުށަހަޅައިފައިވާ މެންބަރުންގެ ތެރޭގައި ހިމެނެނީ:
- ސީއެސްސީގެ ރައީސް މުޙައްމަދު ނާޞިޙު
- އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް އަދި މެންބަރު ތޯހާ މުޙައްމަދު،
- އީސީގެ ނައިބު ރައީސް އަލީ ނަޝާތުގެ އިތުރުން މުޙައްމަދު އާޞިފް އަދި ޑރ. މުޙައްމަދު ޒާހިރު މިއެވެ.
މި މެންބަރުން ވަކިކުރަން ހުށަހަޅައިފައިވަނީ މަޤާމުގެ މަސްއޫލިއްޔަތު އަދާނުކުރާ ކަމަށާއި، ޤަވާއިދާ ޚިލާފު ކަންކަން ކޮށްފައިވާ ކަމަށް ބުނެއެވެ.
މީގެ އިތުރުން، އޭސީސީ އަދި އީސީގެ ރައީސުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ޤާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުން ވަނީ ބިލެއް ހުށަހަޅައިފައެވެ. މި ބިލުގެ މަސައްކަތް މިހާރު ވަނީ ކޮމިޓީ މަރުޙަލާގައެވެ. މި ބަދަލާއެކު، ދެ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަމެއް މަޖިލީހުން ފާސްކޮށްގެންނެވެ.
މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގައިވާ ގޮތުން، އޭސީސީ އަދި އީސީގެ ރައީސާއި ނައިބު ރައީސް އައްޔަންކުރަނީ އެ ކޮމިޝަންތަކުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އަދި މި ވޯޓުގެ ނަތީޖާ 28 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް އަންގަން ޖެހެއެވެ.









