ފަތުރުވެރިކަމަށް މިއަހަރު އެކަނި 1,984 އެނދު އިތުރުކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެއަރޕޯޓު ފުޅާވެގެންދާއިރު ފަތުރުވެރިކަން އިތުރުވެގެންދާނެ ކަމަށެވެ. އަދި މި އަހަރަކީ އިރާދަކުރެއްވިއްޔާ ފުރަތަމަ ފަހަރަށް 2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ އަހަރު ކަމަށާއި އަންނަ ޑިސެންބަރު މަހުގެ ތެރޭގައި އެކަން ހާސިލުކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ ހޯދަމުން އަންނަ މަޝްހޫރު އެވޯޑުތައް މި އަހަރުވެސް ލިބެމުން އަންނަ ކަމަށެވެ.
"އިންޑިއަން އޯޝަންގެ ލީޑިންގ ޑެސްޓިނޭޝަން އެވޯޑާއި، ހަނީމޫން ޑެސްޓިނޭޝަން އެވޯޑު އަދި އަލަށް ގްރީން ޑެސްޓިނޭޝަން އެވޯޑުވެސް ރާއްޖެއަށް ލިބިއްޖެ. އަދި އިރާދަކުރެއްވިއްޔާ އިންޓަނޭޝަނަލް އެވޯޑުތަކަށްވެސް އަޅުގަނޑުމެން ވަނީ ނޮމިނޭޓް ވެފައި." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުގެ ތެރޭގައި ފަތުރުވެރިކަމަށް އިންޤިލާބީ ކުރިއެރުމެއް ގެނެވިފައިވާ ކަމަށާއި، ސަރުކާރުން އަމާޒު ހިފާފައިވާ 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ މަސައްކަތަކީ އެކަމުގެ އެއް ހެކި ކަމަށެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ކޮންމެ ދުވަހަކު އާންމުކުރާ ރިޕޯޓުން ދައްކާ ގޮތުން ނޮވެންބަރު މަހުގެ 4 ގެ ނިޔަލަށް 1,693,952 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު %9.5 ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 1,547,177 ފަތުރުވެރިންނެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ފަސް ޤައުމަކީ ޗައިނާ، ރަޝިޔާ، ޔޫ.ކޭ، ޖަރުމަނު އަދި އިޓަލީ އެވެ.









