ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނި 40 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް ފަލަސްޠީނުގެ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ އިންތިހާއަށް ނުރައްކާތެރި ހާލަތަކަށް ގޮސްފިއެވެ.
އދ. ގެ ހިސާބުތަކުން އެނގޭ ގޮތުގައި މިހާތަނަށް 43,000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، 100,000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް އެންމެ ފަހުން ދިން ޙަމަލާގައި 24 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ހަމާސްގެ ނުވަތަ ހަމާސްއަށް ނިސްބަވްތާ މީހަކުވެސް ނެތެވެ. މުޅިންވެސް ތިބީ ކުށެއް ނެތް ޢާންމުންވެ. ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ޚަބަރުތައް ބުނެއެވެ.
އިސްރާއީލުން ވަނީ ޣައްޒާގެ އުތުރުގެ ރަށްތައް މުޅީން ބަންދުކޮށް، އާންމުންނަށް އަމާޒުކޮށް ޙަމަލާތައް ދިނުން އިތުރުކޮށްފައެވެ. މީގެ އިތުރުން ހޮސްޕިޓަލްތަކަށްވެސް ޙަމަލާ ދެމުންދާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެއްވެސް ގޮތެއް ނެތެވެ. ކާއެއްޗިއްސާއި ބޯފެން ވެސް ލިބޭނީ އިސްރާއީލުން ބޭނުންވެއްޖެ ޙާލަތެއްގައި އެމީހުން ބޭނުން މިންވަރަކަށެވެ. އިސްރާއީލުން އދ. އަށްވެސް ބޯނުލަނބައެވެ. އަދި އެމީހުން ހުއްޓުވޭނެ ގޮތެއް އދ. ގެ މެމްބަރު ޤައުމުތަކަށް ނެތެވެ.
ގެދޮރު ގެއްލިފައިވާ ޣައްޒާގެ ރައްޔިތުންގެ މިހާރުގެ ދިރިއުޅުމުގެ ޙާލަތު. / ފޮޓޯ: ވަފާ
ޣައްޒާގެ ހަނގުރާމަ މަޝްވަރާކޮށްގެން ހުއްޓުވޭނެ ކަމަށް ކުރިން ލިބުނު އުއްމީދުވެސް މިހާރު މުޅީން ގެއްލިއްޖެއެވެ. ސަބަބަކީ ހަނގުރާމަ ހުއްޓުވުމަށް ޢަރަބި ޤައުމުތަކުން އިސްނަގައިގެން ކުރި މަސައްކަތް ހުއްޓާލިކަން ޢިއުލާންކުރުމުންނެވެ. ޤަތަރުން ބުނެފައިވަނީ އިސްރާއީލާއި ހަމާސްއިން ހަނގުރާމަ ހުއްޓަން ބޭނުން ނުވާކަމަށެވެ. މިކަމުގައި ސިޔާސީ ކަންތައްތަކެއް އުޅޭ ނަމަވެސް ދެފަރާތުން ސީރިއަސްކަން ފެންނަން ފެށުމުން އަލުން މަޝްވަރާތައް ފަށާނެ ކަމަށް ޤަތަރުން ބުނެފައިވެއެވެ.
މި ހަނގުރާމައިގެ ސަބަބުން 17,000 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިވާއިރު، 10,000 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު ވީރާނާވެފައިވާ އިމާރާތްތަކުގެ ދަށުގައި ޝަހީދުވެ ތާށިވެފައިވާ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާންމު ރައްޔިތުން ބިކަވެ ގެދޮރު ގެއްލި އެއްބަޔަކު ކާނެ އެއްޗެއް އަދި ފެންފޮދެއް ލިބޭނެ ގޮތް ނުވެ ރޮއި އާދޭސްކޮށް ހަދާއިރު ވެސް އިސްރާއީލުން އަޅައެއް ނުލައެވެ. އެހެންތިބެ އެއްބަޔަކު ބަނޑުހައިހޫނުކަމުގައި ޝަހީދުވެސް ވެއްޖެއެވެ.









