އިޓަލީގެ ސީރީ އޭ ކްލަބް ރޯމާއިން އެ ޓީމުގެ ކޯޗު އިވާން ޖުރިޗް ވަކިކޮށްފިއެވެ.
އޭނާ ވަކިކުރީ ޓީމުގެ ފެންވަރު ދަށްވެ، ވިދިވިދިގެން ދެރަ ނަތީޖާތަކެއް ހޯދުމާ ގުޅިގެންނެވެ.
49 އަހަރުގެ ކްރޮއޭޝިއާގެ ކޯޗު ޖުރިޗް ރޯމާގެ ކޯޗުކަމުގައި ހޭދަކުރީ އެންމެ 12 މެޗެވެ. އޭނާ ވަކިކުރި އެންމެ ފަހުގެ ސަބަބަކީ އިއްޔެ ބޮލޮންޔާ އާ ދެކޮޅަށް ކުޅުނު މެޗުން 3-2 އިން ބަލިވުމެވެ. މިއީ މި ސީޒަނުގައި ރޯމާގެ ކޯޗު މަޤާމުން ވަކިކުރެވުނު ދެވަނަ ފަހަރެވެ.
ޖުރިޗްގެ ދަށުން ރޯމާގެ ކުޅުން ވަނީ އެދެވޭ ގޮތެއްގައި ކުރިއަށް ނުގޮސްފައެވެ. ސީރީ ތާވަލުގައި ރޯމާ މިހާރު އޮތީ 12 ވަނަ ގޮނޑީގައެވެ. އަދި ޔޫއެފާ ޔޫރަޕާ ލީގުގައިވެސް ރޯމާ އޮތީ 36 ޓީމުގެ ތެރެއިން 20 ވަނަ ގޮނޑީގައެވެ. މިއީ ރޯމާ ފަދަ ބޮޑު ކްލަބަކަށް ޤަބޫލުކުރެވޭނެ ފެންވަރެއް ނޫން ކަމަށް ބެލެވެއެވެ.
ރޯމާގެ ވެރިފަރާތް ކަމުގައިވާ ދަ ފްރައިޑްކިން ގްރޫޕުން ނެރުނު ބަޔާނެއްގައި ޖުރިޗްގެ މަސައްކަތަށް ޝުކުރު އަދާކޮށްފައިވާއިރު، އާ ކޯޗަކު އަވަހަށް ހަމަޖައްސާނެ ކަމަށް ބުނެފައިވެއެވެ. މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި ރޯމާގެ ކޯޗުކަމަށް އެންމެ ގާތް ފަރާތަކީ އިޓަލީގެ ރޮބާޓޯ މަންޗީނީއެވެ.
ޖުރިޗްގެ ކުރިން ރޯމާގެ ކޯޗުކަން ކުރި ޑެނިއެލް ޑި ރޮސީވެސް ވަނީ އެންމެ 8 މަސްދުވަހުގެ ތެރޭގައި ވަކިކޮށްފައެވެ.









