އިސްތަންބޫލްގައި ބޭއްވި ބޮސްފޮރަސް ސަމިޓްގައި ތުރުކީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ބައިވެރިވެވަޑައިގެންފިއެވެ.
މި މަހުގެ 7 އިން 8 އަށް ކުރިއަށްގެންދިޔަ މި ސަމިޓްގެ ޓުއަރިޒަމް ޕެނަލް "ގޭސްޓްރޯނޮމީ އެންޑް ޓޫރިޒަމް" ތީމްގެ ދަށުން "ރީޑިޒައިންޑް އެންޑް ޑައިވަރސިފައިޑް"ގެ ކީނޯޓް ސްޕީކަރެއްގެ ގޮތުން އެމަނިކުފާނު ވަނީ ތަޤްރީރުކުރައްވާފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ރާއްޖެ ހޯދަމުން އަންނަ ކާމިޔާބާއި މި ދާއިރާއިން ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކުގެ މަޢުލޫމާތު ވަނީ ޙިއްސާކުރައްވާފައެވެ. އަދި މީގެ އިތުރުން ތުރުކީ އިން މި ދާއިރާގައި ހޯދާފައިވާ ކުރިއެރުން ފާހަގަކުރައްވައި މި ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެއްބާރުލުން ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލާފައިވެއެވެ.
ބޮސްފޮރަސް ސަމިޓަކީ އިންޓަނޭޝަނަލް ކޯޕަރޭޝަން ޕްލެޓްފޯމް އައިސީޕީން އިންތިޒާމްކޮށްގެން ބާއްވާ ސަމިޓެކެވެ.
މި ސަމިޓްގެ މައިގަނޑު މަޤްސަދަކީ ޒަމާނީ އަދި ސަރަޙައްދީ ގޮންޖެހުންތަކާ ކުރިމަތިލުމަށް ލީޑަރުންނާއި ނިންމުންތައް ނިންމާ ފަރާތްތަކާއި ޢިލްމުވެރިން ގުޅުވާލުމެވެ. މިއީ މިގޮތުން ބޭއްވި 15 ވަނަ ސަމިޓެވެ.









