ރާއްޖޭގައި މެރިކަލްޗަރ ނުވަތަ ކަނޑުގޮވާންކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންގެ ފަރާތުން ގިނަ ޕްރޮޕޯސަލްތަކެއް ލިބިފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މި ސިނާޢަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ސިންދަފާތުކުރުމުގައި އިސްކަންދެއްވާ ދާއިރާއެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، "މިހާރުވެސް އަޅުގަނޑުމެންނާ ހަމައަށް އެކަމުގެ ބައިވަރު ޕްރޮޕޯސަލްތައް އެބަ އާދޭ. އެހެންވީމާ އަޅުގަނޑުމެންނަށް އެބަ އިނގޭ މިއީ ވަރަށް ޕޮޓެންޝަލް އޮތް ސިނާޢަތެއްކަން އަދި ދިވެހިރާއްޖެއަށް ބޭރު ފައިސާ އިންތިހާއަށް ވައްދާނެ ސިނާޢަތެއްކަން."
ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ 4 ސަރަޙައްދެއް ކަނޑައަޅާފައެވެ. އެއީ ބޮޑު ތިލަދުންމައްޗާއި، ރ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ތ. އަތޮޅެވެ. މީގެ އިތުރުން މަނިޔަފުށީގެ ކައިރީގައިވާ ފަޅެއްވެސް މިކަމަށް ޚާއްޞަކޮށްފައިވެއެވެ.
މި ސިނާޢަތް ކުރިއެރުވުމަށްޓަކައި ސަރުކާރުން ވަނީ ބޮޑެތި ލުއިތަކެއް ދިނުމަށް ނިންމާފައެވެ. އެގޮތުން މި މަސައްކަތަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކުން ނަގާ ބިމަށް ލޭންޑް އެކުއިޒިޝަން ފީ ނުނެގުމަށާއި، ފުރަތަމަ 3 އަހަރު ބިމު ކުލި ނުނެގުމަށް ނިންމާފައިވެއެވެ. އަދި މި މަސައްކަތަށް ބޭނުންވާ ވަސީލަތްތައް ރާއްޖެ އެތެރެކުރުމުގައި ޑިއުޓީ މާފުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
މި ފިޔަވަޅުތަކާއެކު، ރާއްޖެއަކީ މެރިކަލްޗަރ ދާއިރާއިން މި ސަރަޙައްދުގައި މުހިންމު ދައުރެއް އަދާކުރާ ޤައުމަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.









