އިސްރާއީލް ޕާސްޕޯޓު މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ، 241 ކޮމިޓީއަށް އެޖެންޑާކޮށްފިއެވެ.
އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭ ގޮތަށް އިމިގްރޭޝަން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއި ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ މިދިޔަ ޖޫން މަހުގެ 2 ގައެވެ.
ރައީސް އެފަދައިން ނިންމެވިއިރު، އިސްރާއީލް ޕާސްޕޯޓު މަނާކުރުމާ ގުޅޭގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލު ބަލައިގަނެ 241 ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. އެގޮތުން ސަރުކާރުން ނިންމާފައިވަނީ މީކާއީލް ހުށަހެޅުއްވި ބިލާއެކު ކުރިއަށް ދިއުމަށެވެ.
241 ކޮމިޓީގެ ބައްދަލުވުމަށް މި މައްސަލަ އެޖެންޑާކޮށްފައިވަނީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 9:00 އަށެވެ.









