މެރިކަލްޗަ ސިނާއަތް ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްޤީކޮށް ކުރިއެރުވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މަސްވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާލުވީ އިއްޔެ މަނިޔަފުށީގައި ބޭއްވި ޙަފްލާއެއްފައި ވާހަކަދައްކަވަމުނެވެ.
މި ޙަފްލާއަކީ ވޯލްޑް ބޭންކާ ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ މެރިކަލްޗާގެ ދެވަނަ ބެޗްގެ ތަމްރީނު ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ޙަފްލާއެކެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، ރާއްޖޭގައި މެރިކަލްޗަރ ތަރައްޤީކުރުމަށް ވަޒީރުންގެ މަޖިލީހުން ހަތަރު ސަރަޙައްދެއް ވަނީ ކަނޑައަޅާފައި ކަމަށެވެ. މި ސަރަޙައްދުތަކަކީ ބޮޑު ތިލަދުންމައްޗާއި، ރ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ތ. އަތޮޅެވެ. މީގެ އިތުރުން މަނިޔަފުއްޓާއި ގާތްގަނޑަކަށް ދެ ކިލޯމީޓަރު ދުރުގައި އޮތް ފަޅެއް ވެސް މެރިކަލްޗަރ ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި ސަރަޙައްދުތަކުގައި މެރިކަލްޗަރގެ މަސައްކަތް ކުރަން ބޭނުންވާ ޤަވާޢިދުތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގައި މެރިކަލްޗަރ ފަސޭހަކޮށް ކުރިއަށް ގެންދެވޭނެ މަގުފަހިކޮށް ދިނުމުގެ ގޮތުން، މެރިކަލްޗަރ އަށް ކަނޑައެޅި ސަރަޙައްދުތަކުން ނަގާ ބިމަށް ލޭންޑް އެކުއިޒިޝަނަށް ފައިސާ ނުނެގުމަށާއި ފުރަތަމަ ތިން އަހަރުގެ ބިމު ކުލި ނުނެގުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.









