މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ ޢަދަދު އިތުރުވެފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، 2022 ވަނަ އަހަރާ އަޅާބަލާއިރު 2023 ވަނަ އަހަރު ކުންފުނީގެ ވިޔަފާރި އަދި އެކްސްޕޯޓް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މިދިޔަ އަހަރު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ގަނޑުކުރި ކަންނެލިއެވެ. 2023 ވަނަ އަހަރު ގަނޑުކުރި ކަންނެލީގެ ގޮތުގައި 62,352 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވާއިރު، މިއީ 1.7 ބިލިޔަން ރުފިޔާގެ އަގެކެވެ. މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 6,363 މެޓްރިކް ޓަނުގެ އިތުރުވުމެކެވެ.
އެގޮތުން، ގަނޑުކުރި ކަންނެލީގެ އެކްސްޕޯޓް އިތުރުވެފައިވަނީ ވިއެޓްނާމް އަދި މޮރިޝަސް ފަދަ އައު މާކެޓްތަކަށް މަސް އެކްސްޕޯޓްކުރަން ފެށުމުގެ ސަބަބުން ކަމަށް މިފްކޯއިން ބުންޏެވެ.
ދަޅުގައި އަދި ޕައުޗްގައި ބަންދުކޮށްގެން އެކްސްޕޯޓްކުރާ މަހުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. 2023 ވަނަ އަހަރު 227,910 ކޭސް އެކްސްޕޯޓްކޮށްފައިވާއިރު، މިއީ 148 މިލިޔަން ރުފިޔާގެ އާމްދަނީއެކެވެ. މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 53,615 ކޭސްގެ އިތުރުވުމެކެވެ.
މިފްކޯއިން އިތުރަށް ހާމަކުރިގޮތުގައި، ދަޅުގައި އަދި ޕައުޗްގައި ބަންދުކުރާ މަސް އިނގިރޭސިވިލާތް އަދި ޖަރުމަނުވިލާތުގެ އައު މާކެޓްތަކަށް އެކްސްޕޯޓްކުރަން ވަނީ ފަށާފައެވެ. އިނގިރޭސިވިލާތަށް މަހަކު 5 ނުވަތަ 6 ކޮންޓެއިނަރގެ މަސް އެކްސްޕޯޓްކުރެވެއެވެ.
މީގެ އިތުރުން ފިޝްމީލްގެ އެކްސްޕޯޓްވެސް ވަނީ އިތުރުވެފައެވެ. 2023 ވަނަ އަހަރު 28 މިލިޔަން ރުފިޔާގެ ފިޝްމީލް އެކްސްޕޯޓްކޮށްފައިވާއިރު، މިއީ 2022 ވަނަ އަހަރަށްވުރެ 1 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.
ނަމަވެސް، މިފްކޯއިން ފާހަގަކުރާގޮތުގައި އަހަރުގެ ބައެއް ދުވަސްވަރު މަސްބޭނުން މަދުވުމުގެ ސަބަބުން ޕްރޮޑަކްޝަންއަށް އަސަރުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރު އެކްސްޕޯޓްކުރުމަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުން ކަމުގައި މިފްކޯއިން ބުންޏެވެ.









