ތިމާވެށީގެ އެންމެ ބޮޑު ބައްދަލުވުން ކަމުގައިވާ "ކޮޕް 29" ގައި ބައިވެރިވެވަޑައިގަތުމަށް އަޒަރުބައިޖާންގެ ވެރިރަށް ބާކޫއަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް މިއަދު ފުރާވަޑައިގެންފިއެވެ.
ވަޒީރު ޠާރިޤްގެ އަރިހުގައި އެ ވުޒާރާގެ އިސްވެރިންގެ ޓީމެއް ބައިވެރިވެވަޑައިގަންނަވައެވެ.
މިފަހަރުގެ ކޮޕް ސަމިޓުގައި ރާއްޖޭން މުހިންމު ދައުރެއް އަދާކުރާނެކަމަށް މީގެކުރިން ވަޒީރު ވަނީ ވިދާޅުވެފައެވެ.
Advertisement

ކޮޕްގެ ހަވާސާގައި 4 އިވެންޓެއް ރާއްޖެއިން އިންތިޒާމުކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އޭޑީބީއާ ގުޅިގެން އިއާދަކުރަނިވި ހަކަތައާ ގުޅޭ އިވެންޓަކާއި، ކޮޕްގެ އެޓޯލްސް ނޭޝަންގެ ޗެއަރގެ ހައިސިއްޔަތުން ފަރުތައް ހިމާޔަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން "ސަސްޓެއިނަބަލް ކޮރަލް ރީފް މެނޭޖްމަންޓް"ގެ އިތުރުން ކުދި ޖަޒީރާ ޤައުމުތަކުގެ ކްލައިމެޓް އެޑަޕްޓޭޝަން މިނިސްޓީރިއަލް ޗެމްޕިއަނެއްގެ ގޮތުގައި ހަރަކާތެއް ހިމެނެއެވެ.
ކޮޕަށް ދިއުމުގެ ކުރިން، ތިމާވެއްޓާ ގުޅޭ މައްސަލަތަކާއި ގުޅޭގޮތުން ޒުވާނުންގެ ޚިޔާލު ހޯދުމަށް ޚާއްސަ އިވެންޓެއްވަނީ ކުރިއަށް ގެންގޮސްފައެވެ. އެޚިޔާލުތަކަށް ބިނާކޮށް، ކޮޕަށް ގެންދިއުމަށް ރާއްޖޭގެ ޒުވާނުންގެ ފަރާތުން ޚާއްސަ ސްޓޭޓްމަންޓެއްވަނީ ތައްޔާރުކޮށްފައެވެ.
Minister @ThoriqIbrahim departs to Baku to attend UNFCCC COP29.Watch this space for updates on Maldives at COP29. pic.twitter.com/nNc8p5NjIN
— Min. of Climate Change, Environment and Energy (@MoEnvmv)
?t=T52E7SADUVnE9e7Wsb7dAw&s=19
މީގެ އިތުރުން ކޮޕް 29 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެން ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރާ ހޭދައަށް ބޭނުންވާ މާލީ އެހީ، ރާއްޖެ ފަދަ ޤައުމުތަކަށް ހޯދައި ދިނުމަށް ރާއްޖޭން ދަނީ ކޮޕްގައި ވަކާލާތުކުރަމުންނެވެ.
މިއަހަރުގެ ކޮޕް ސަމިޓު ކުރިއަށްދާނީ މި މަހުގެ 11 އިން 22ގެ ނިޔަލަށް އަޒަރުބައިޖަންގެ ވެރިރަށް ބާކޫގައެވެ. މިއަހަރު ކޮޕްގެ ޝިޢާރަކީ "އިން ސޮލިޑޭރިޓީ ފޯރ އަ ގްރީން ވޯލްޑް" އެވެ.
ކޮޕް ސަމިޓަކީ ދުނިޔެއަށް ކުރިމަތިވަމުންދާ ތިމާވެށީގެ މައްސަލަތަކާއި ގުޅޭގޮތުން އދ.ގެ މެންބަރު ޤައުމުތަކުގެ ތެރެއިން ކުދި ބޮޑު ހުރިހާ ޤައުމަކުން ބައިވެރިވާ އެންމެ ބޮޑު ސަމިޓެވެ.







