ޣައްޒާގެ އުތުރުގެ ރަށްތަކުގައި 100,000 އަށްވުރެ ގިނަ މީހުން ވަނީ ބަނޑަހައިހޫނުގައި ޖެހި، އިންސާނީ ޙައްޤުތަކުން މަޙްރޫމުވެފައެވެ.
އިސްރާއީލު ސިފައިން ވަނީ މި ސަރަޙައްދުތަކަށް ކާބޯތަކެއްޗާއި ސާފު ބޯފެން އަދި ބޭސްފަރުވާގެ ސާމާނު ވެއްދުން މަނާކޮށް އެ 100،000 އެއްހާ މީހުންނަށް އެތަނުން ބޭރު ނުވެވޭ ގޮތަށް ބަންދުކޮށްފައެވެ.
ޣައްޒާ ޚަބަރުތައް ބުނާ ގޮތުގައި އިސްރާއީލު ސިފައިން އަންގަނީ ޣައްޒާގެ އުތުރުގައި ތިބި އެއްވެސް ބަޔަކަށް އެތަނުން ނުނުކުމެވޭނެ ކަމަށާއި ރައްކާތެރި ތަންތަނަށް ވެސް ނުދެވޭނެ ކަމަށެވެ. އަދި ފެނާއި ތެލާއި ކާނާވެސް ވެއްދުމަށް ވަނީ ހުރަސް އަޅާފައެވެ.
އދ. ގެ އުންރުވާއިން ބުނާގޮތުގައި މި ސަރަޙައްދުގައި ތާށިވެފައިވާ މީހުންގެ އަދަދު 69,000 އަށް އަރައެވެ. ނަމަވެސް ޣައްޒާގެ އިދާރާތަކުން ބުނަނީ މި އަދަދު 100,000 އަށްވުރެ މަތިވާނެ ކަމަށެވެ. އެހީދޭ ޖަމާޢަތްތަކުން ބުނާގޮތުގައި މި ސަރަޙައްދުތައް ހުސްކުރުމަށް އިސްރާއީލުން ވަނީ ރާވާފައެވެ.
އިސްރާއީލުގެ ޢުދުވާނީ ހަމަލާތަކުގައި މިހާތަނަށް 43,508 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 17,000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އަދި 102,684 މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން 10,000 އަށްވުރެ ގިނަ މީހުން ވަނީ ވީރާނާވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ކަމަށް ބެލެވެއެވެ.









