އިސްރާއީލާއި ހަމާސްގެ މެދުގައި މެދުވެރިވެރިއެއްގެ ގޮތުގައި ޤަތަރުން އަދާކުރަމުން އައި ދައުރު ހުއްޓާލައިފިއެވެ.
މިގޮތަށް ނިންމީ ދެފަރާތުންވެސް މިހާރު ރަނގަޅު ނިޔަތުގައި މަޝްވަރާކުރަމުން ނުދާކަމަށް ޤަތަރަށް ޤަބޫލުކުރެވޭތީއެވެ.
ޤަތަރުގެ ދޯހާގައި ހަމާސްގެ ސިޔާސީ އޮފީހެއް ހިންގަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އަދި މިސްރާއި އެކު ޤަތަރުން ވަނީ އިސްރާއީލާއި ހަމާސްގެ މެދުގައި މެދުވެރިވެރިއެއްގެ ދައުރު އަދާކުރަމުން ގޮސްފައެވެ.
ނަމަވެސް މިހާރު ދެފަރާތުންވެސް "އެކަށީގެންވާ ގޮތެއްގައި މަޝްވަރާކުރުމަށް" އިންކާރުކުރާކަމަށް ޤަތަރުން ވަނީ ނިންމާފައެވެ. އޯގަސްޓް މަހުގެ ފަހުކޮޅު ކުރު މުއްދަތެއްގެ ތެރޭގައި ކުރެވުނު މަސައްކަތްތަކެއް ފިޔަވައި، ދެފަރާތުގެ މެދުގައި އެއްވެސް މަޝްވަރާއެއް ކުރިއަށް ގޮސްފައެއް ނުވެއެވެ.
ޑިޕްލޮމެޓިކް މަސްދަރެއް ބުނާ ގޮތުގައި ޤަތަރުން މިގޮތަށް ނިންމީ މިހާރު މި މަޝްވަރާތައް "ސިޔާސީ އަދި ޕީއާރު ކަމަކަށް" ވެފައިވާތީއެވެ. އަދި "ސުލްޙަ ހޯދުމަށާއި، ރަހީނުންނާއި ފަލަސްތީނު އާންމުން ސަލާމަތްކުރުމަށް ސީރިއަސް މަސައްކަތެއް" ކުރެވެމުން ނުދާތީއެވެ. މިހާރުވެސް ޣައްޒާގައި 101 ރަހީނުން ތިބިކަމަށް ބެލެވެއެވެ. އަދި އިސްރާއީލުން ފަށާފައިވާ ހަނގުރާމައިގައި މިހާތަނަށް 43,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

އޮކްޓޯބަރު 31 ވަނަ ދުވަހު ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކަށް އަމާޒުކޮށް އިސްރާއީލުން ދިން ޙަމަލާއެއްގައި ޝަހީދުވި މީހެއްގެ ހަށިގަނޑު ކައިރީގައި ގާތްތިމާގެ މީހުން ހިތާމަކުރަނީ. / ފޮޓޯ: އޭއެފްޕީ
ހަމާސްއިން ބުނަމުންދަނީ އިސްރާއީލާއެކު އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރާނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް ގެނައުމަށް އެއްބަސްވާނަމަ ކަމަށެވެ. ނަމަވެސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހެތަންޔާހޫ ވަނީ މި ޑިމާންޑަށް އިންކާރުކޮށްފައެވެ.
ޤަޠަރުން މިފަހުން އަމިއްލައަށް އިސް ނަގައިގެން މެދުވެރިއެއްގެ ދައުރު އަދާކުރަން ފެށީ އެމެރިކާއާއި ސައުދި އަރަބިއްޔާގެވެސް މަޝްވަރާގެ މަތިން ނަމަވެސް އިންތިޚާބުން ބައިޑަންގެ ޕާޓީއަށް ލިބުނު ނާކާމިޔާބީއާއި ގުޅިގެން އެމެރިކާއިން މި މަޝްވަރާތައް ކުރިޔަށް ގެންދަން ބޭނުން ނުވަނީ ކަމަށް ބައެއް މުހައްލިލުން ބުނެއެވެ.









