އިޓަލީގެ ސީރީ އޭ ކްލަބް ރޯމާގެ ކޯޗުކަމުގެ މަޤާމަށް ކުރީގެ އިޓަލީ އަދި ސައުދީ އަރަބިއާގެ ޤައުމީ ޓީމުގެ ކޯޗު ރޮބަޓޯ މަންޗީނީ އާއި މަޝްވަރާކުރަމުންދާ ކަމަށް އިޓަލީގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ސްކައި ސްޕޯޓްސް އިޓާލިއާ އާއި ސްޕޯޓިޓާލިއާ އިން ބުނެފައިވާ ގޮތުގައި މިހާރުގެ ކޯޗު އިވާން ޖޫރިޗް ވަކިކުރުމަށްފަހު މަންޗީނީ ގެނައުމަށް ރޯމާއިން މަސައްކަތްކުރަމުންދެއެވެ. މަންޗީނީ ވަނީ ފާއިތުވި މަހު ސައުދީ އަރަބިއާގެ ޤައުމީ ޓީމުގެ ކޯޗުކަމުން އިސްތިއުފާދީފައެވެ.
މީގެ އިތުރުން، ރޯމާގެ ތަރި ޕައުލޯ ދިބާލާ އަށް މާދަމާ ބޮލޮންޔާ އާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ ކަމަށް ކޯޗު ޖޫރިޗް ބުނެފައިވާކަން އެނގުމުންންނާއި ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުގެތެރެއިން އެންމެ ތިން މެޗުން މޮޅުވެ 4 ބައްޔާއި 4 ޑުރޯ ހިމެނޭ މައްސަލަވެސް ވަނީ ބޮޑުވެފައެވެ. ދިބާލާ އަށް ކުޑަ އަނިޔާއެއް ވެފައިވީ ނަމަވެސް، މާދަމާ ބޮލޮންޔާ މެޗުގައި ކުޅުމަށް އުންމީދުކޮށްގެން ހުރި ކަމަށް ބުނެވެއެވެ.
މި ހުރިހާ ކަމަކާއި ގުޅިގެން ރޯމާގެ ކްލަބުގައި ވަރަށް ބޮޑު ހަލަބޮލިކަމެއް އުފެދިފައިވާއިރު އާދިއްތަ ދުވަހުގެ މެޗުގެ ނަތީޖާ އަކީ ޖޫރިޗްގެ މުސްތަޤުބަލަށް ނިންމުމެއް ނިންމުމަށް މުހިންމު ކަމެއް ކަމަށްވެސް ލަފާކުރެވެއެވެ.









