އދ. ދިގުރަށް ކައިރީގައި ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވި 15 އަހަރުގެ ސިންގަޕޫރު ކުއްޖާގެ މައްސަލަ ބެލުމަށް ސިންގަޕޫރުގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ. މި ޓީމުގައި ހިމެނެނީ އެ ކުއްޖާގެ އާއިލާގެ ބައެއް މެންބަރުންނާއި އޭނާ ކިޔަވަމުންދިޔަ ސްކޫލުގެ ބައެއް އިސްވެރިންނެވެ.
މި ހާދިސާ ހިނގީ ފެހުރިއްސާއި ބެހޭ ދިރާސާއެއް ހެދުމަށް "ސްޓަޑީ ޓުއާ" އެއްގައި އދ. ދިގުރަށަށް ގޮސް އުޅުނު ޓީމެއްގައި ހިމެނުނު ސިންގަޕޫރުގެ ކުއްޖަކު ސްނޯކްލިންއަށް ދިޔުމަށްފަހު ދޯނިން މޫދަށް ފުންމާލި ވަގުތުއެވެ. ފުލުހުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، އެ ކުއްޖާ މަރުވެފައިވަނީ ދޯނީގެ ބުރަފަތީގައި ޖެހި ލިބުނު ޒަޚަމްތަކާ ގުޅިގެންނެވެ.
ފުލުހުން އިތުރަށް ބުނީ، ހާދިސާ ހިނގުމާއި ގުޅިގެން ކުއްޖާ ގެންދެވުނު ހެލްތު ސެންޓަރުން ވެސް އޭނާ ނިޔާވެފައިވާކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.








