ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސްގެ ވެރިރަށް ކުއެޓާގެ މައި ރޭލްވޭ ސްޓޭޝަނުގައި މިއަދު ދިން ބޮމުގެ ހަމަލާއެއްގައި 14 ސިފައިން ހިމެނޭ ގޮތަށް 25 މީހުން މަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި ހަމަލާ ދީފައިވަނީ ސްޓޭޝަނުގެ ޕްލެޓްފޯމެއްގައި ފަސިންޖަރުން މަޑުކޮށްގެން ތިއްބާއެވެ. ހޮސްޕިޓަލުގެ ތަރުޖަމާނެއް ވިދާޅުވި ގޮތުގައި މި ހަމަލާގައި ޒަޚަމްވި 46 މީހުން ހޮސްޕިޓަލަށް ގެނެވުނެވެ.
މި ހަމަލާގެ ޒިންމާ އެ ސަރަހައްދުގެ އެންމެ ބޮޑު އެއް ޖަމާއަތް ކަމަށްވާ ބަލޮޗް ލިބަރޭޝަން އާމީ (ބީއެލްއޭ) އިން ވަނީ ނަގާފައެވެ. އެ ޖަމާއަތުން ބުނީ މި ހަމަލާ އަމާޒުކޮށްފައިވަނީ "ކުއެޓާ ރޭލްވޭ ސްޓޭޝަންގައި ހުންނަ ޕާކިސްތާނުގެ އަސްކަރިއްޔާގެ ޔުނިޓަކަށް" ކަމަށެވެ.
ފުލުހުން ބުނާ ގޮތުގައި މިއީ ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއެއް ކަމަށް ބެލެވެއެވެ. އަދި މި ހަމަލާ ދިން ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ބަލޫޗިސްތާނުގައި ތަކުރާރުކޮށް ހަމަލާތައް ދެމުން އަންނަ ނަމަވެސް، މި ފަހަރު ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު ވަނީ އާދަޔާ ޚިލާފަށް އިތުރުވެފައެވެ.









