ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައިވެސް ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް މި ސަރުކާރުގައި ރޫހު އެބަހުރި ކަމަށް ފަތުރުވެރިކަމާއިބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ހުޅިމެންދޫގައި ފަސްތަރީގެ ޓްރޭނިންގ ރިސޯޓެއް ތަރައްޤީކުރުމަށް ފަހުމުނާމާގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި އައްޑޫ ސިޓީގައި ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަކީ މިހާތަނަށް އެއްވެސް ސަރުކާރަކުން ކުރެވިފައިވާ މަސައްކަތެއް ނޫނެވެ. ނަމަވެސް، އައްޑޫ ސިޓީއާއި ރާއްޖޭގެ އެހެނިހެން ރަށްތަކަށް ކުރެއްވި ދަތުރުތަކުން ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައިވެސް ފަތުރުވެރިކަން ކުރިއެރުވޭނެކަން ފާހަގަކުރެވުނު ކަމަށް ވިދާޅުވިއެވެ.
މި ސަރުކާރުގެ ސިޔާސަތަކީ ފަތުރުވެރިކަން ނެތް ރަށްތަކުގައި ލޯކަލް ޓޫރިޒަމްގެ ތެރެއިން ވަކި ޢަދަދަކަށް އެނދު އުފައްދައި، އެ އަތޮޅުތަކަށް އައިލެންޑް ކޮންސެޕްޓްގެ ތެރެއިން އިންވެސްޓްމަންޓްތައް ގެނައުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޓްރޭނިންގ ރިސޯޓް މެދުވެރިކޮށް ސިނާޢަތަށް މީހުން ތަމްރީނުކުރުމަކީ މި ސިނާޢަތަށް ސަރުކާރުން ކުރެވޭނެ އެންމެ މުހިންމު އެއް ކަންތައް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢާއި ގުޅޭގޮތުންވެސް ވަޒީރު ވާހަކަފުޅު ދެއްކެވިއެވެ. މި މަޝްރޫޢާއިއެކު ރާއްޖެއަށް އިތުރު ފަތުރުވެރިން އައުމުގެ މަގު ފަހިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަޝްރޫޢަކީ މަލްޓިމިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢެއް ކަމަށާއި، މުޅި ރާއްޖެ ބަދަލުކޮށްލާނެ ބޮޑު މަޝްރޫޢެއް ކަމަށްވެސް ވިދާޅުވިއެވެ.
ވީއައިއޭ ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ 20 އަހަރުގެ މާސްޓަރ ޕްލޭނެއް މިއަހަރުގެ ޖެނުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިފްތިތާޙުކުރައްވާފައެވެ. މި ޕްރޮޖެކްޓާއެކު އަހަރަކު 25 މިލިއަން މީހުންނަށް ޚިދުމަތް ދެވޭ ކެޕޭސިޓީގެ އެއަރޕޯޓެއްގެ ގޮތުގައި ވީއައިއޭ ތަރައްޤީކުރެވޭނެއެވެ.
ވަޒީރު ފައިޞަލްގެ ވާހަކަފުޅުން އެނގިގެންދިޔައީ، މި ތަރައްޤީގެ މަޝްރޫޢާއެކު ގަޑިއަކު 4000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ކަމަށެވެ. މީގެ އިތުރުން، މިހާރު ގަޑިއަކު 300 މީހުންނަށް ޚިދުމަތް ދެވޭ ވީއައިއޭގެ ޑޮމެސްޓިކް ޓަރމިނަލް، ގަޑިއަކު 2000 ފަސިންޖަރުންނަށް ޚިދުމަތްދޭ ޓަރމިނަލެއްގެ ގޮތުގައި ތަރައްޤީކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.









