މިއަދު ހެނދުނުއްސުރެ މާލޭގައި ކުރިޔަށްދާ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ ބޮޑު ޙަރަކާތް މިރޭ 10:30 ވަންދެން ކުރިޔަށް ދާނެކަމަށް ކޮންގްރެސް ޕާޓީ, ޕީއެންސީން ބުނެފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ޕީއެންސީއަކީ އެންމެ މެންބަރުން ގިނަ ޕާޓީއަށް މިހާރު ވަނީ ވެފައެވެ. ވަރަށް އަވަހަށް އިލެކްޝަންސް ކޮމިޝަނުން އެކަން ރަސްމީކޮށް އިޢުލާންކުރާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށާއި، މިހާރުވެސް އެ ކޮމިޝަނުން ދަނީ މީގެ ކުރިން ފޮނުވާފައިހުރި ފޯމުތައް އެންޓަރ ކުރަމުން ކަމަށް ޕީއެންސީން ބުންޏެވެ.
ރައީސް ޑރ. މުޢިއްޒު އަންގަވާފައިވަނީ އަންނަ ނޮވެންބަރުގެ ނިޔަލަށް ޕީއެންސީއަށް 75,000 މެންބަރުން ހަމަކުރުމަށެވެ. މިއަދު ފެށި ޙަރަކާތް މާލޭގެ އެކި ސަރަހައްދުތަކުގައި މިހާރުވެސް ކުރިޔަށް އެބަ ދެެއެވެ. މި ޙަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ޕީއެންސީ އާއި ސަރުކާރުގެ އިސް ބޭފުޅުންނާއި ލީޑަރޝިޕްގެ ބޭފުޅުންވެސް ވަނީ އެތަނަށް ވަޑައިގެންފައެވެ.
ޕީއެންސީން މަޢުލޫމާތު ދިން ގޮތުގައި މިރޭ 10:30 އާ ހަމައަށް މެދުކަނޑާލި ކަމުގައިވިޔަސް އަދި މި ޙަރަކާތްތައް ނޮވެންބަރު 11 އާ ހަމައަށް އެކި ވަގުތު ތަކުގައި ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ދަފްތަރުގައިވާ ގޮތުން، މިހާރު އެންމެ މެންބަރުން ގިނަ ޕާޓީއަކީ އެމްޑީޕީއެވެ. ސަބަބަކީ ޕީއެންސީން އެންމެ ފަހުން ހުށަހެޅި ފޯމުތައް އެ ކޮމިޝަނުން ބަލައި ޗެކުކޮށް އެންޓަރ ކޮށް ނުނިމޭތީއެވެ.









