ރޭ އިސްރާއީލުން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދިން ވައިގެ ޙަމަލާތަކުގައި ފަލަސްޠީނުގެ 14 ވަރަކަށް މީހުން ޝަހީދުވެއްޖެއެވެ.
ވަފާއިން ބުނާ ގޮތުގައި ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސް ސިޓީގެ އިރުމަތީގައިވާ އައް-ތަހްލިޔާ ސަރަޙައްދުގައި ހުރި، ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ޓެންޓަކަށް އިސްރާއީލުން ވަނީ ޙަމަލާ ދީފައެވެ.
މީގެ އިތުރުން، ޣައްޒާގެ ދެކުނުގައިވާ ރަފާހުގެ އަލް-ޖުނައިނާ ސަރަޙައްދުގައި ހުރި މަދަނީ ރައްޔިތުންގެ ގެތަކަށް ވެސް އިސްރާއީލުގެ ހަނގުރާމަވެރި ޖެޓް މަތިންދާބޯޓުތަކުން ޙަމަލާދީ ގިނަ ޢަދަދެއްގެ މީހުން ޝަޖީދުކޮށްފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ.
މިހާތަނަށް އިސްރާއީލުގެ ބާރުތަކުން ޣައްޒާގައި 184 ފަލަސްތީނު ނޫސްވެރިންނާއި މީޑިއާގެ މުވައްޒަފުން ޝަހީދުކޮށްފައިވާ ކަމަށް ވެސް ވަފާއިން ފާހަގަކޮށްފައިވެއެވެ.
ބައިނަލްއަޤްވާމީ ޢަދުލު ކޯޓުން (އައިސީޖޭ) އިން ރަފާހުގައި ހިންގަމުންދާ ހަނގުރާމަވެރި ޢަމަލުތައް ހުއްޓާލުމަށް އިސްރާއީލަށް އަމުރުކޮށްފައިވީ ނަމަވެސް، އިސްރާއީލުން ދަނީ މި އަމުރަށް އަޅާނުލައި، ޣައްޒާގައި ނަސްލު ނައްތާލުމުގެ ޙަމަލާތައް ކުރިއަށް ގެންދަމުންނެވެ.
އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ނުރައްކާތެރި ޙަމަލާތަކުގައި މިހާތަނަށް މަދުވެގެން 43,508 ފަލަސްތީނުން ޝަހީދުވެ، 102,684 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ.
ފަލަސްތީނުގެ އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި މަރުވެ އަނިޔާވެފައިވާ މީހުންގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
އިސްރާއީލުގެ މި އުދުވާނީ ޢަމަލުތަކުގެ ސަބަބުން ޣައްޒާގެ ހުރިހާ ސަރަޙައްދަކުން ގާތްގަނޑަކަށް ދެ މިލިއަން މީހުން ވަނީ ގެދޮރު ދޫކޮށް ފިލަން މަޖުބޫރުވެފައެވެ.









