ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީގައި 3000 ޓަނުގެ މަސް ރައްކާކުރެވޭ ސްޓޯރޭޖަކާއި ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސްކުރެވޭ ފެސިލިޓީއެއް ގާއިމްކުރާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއީ ރާއްޖޭގައި މަސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މި މަޝްރޫޢުގެ ދަށުން ފ. ނިލަންދޫގައި 1500 ޓަނުގެ މަސް ރައްކާކުރެވޭ ސްޓޯރޭޖަކާއި 50 ޓަނު ޕްރޮސެސްކުރެވޭ ފެސިލިޓީއެއްވެސް ގާއިމްކުރާނެއެވެ. އަދި ޅ. ފެލިވަރުގައި އިތުރު 100 ޓަނުގެ މަސް ޕްރޮސެސްކުރެވޭނެ ފެސިލިޓީއެއް އެޅުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވެއެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، މި ފެސިލިޓީތައް ގާއިމްކުރުމުން ރާއްޖޭގައި ބާނާ މަހުގެ ބޮޑު އިންސައްތައެއް އަގު އެއްކޮށްގެން ބޭރުކުރެވޭނެ ކަމަށެވެ. މިހާރު 2000 ޓަނުގެ މަސް މިފްކޯއިން ލޭންޑްކޮށް ބޭރުކުރާއިރު، ރަނގަޅު އަހަރެއްގައި 90 ނުވަތަ 95 މިލިއަން ޑޮލަރު ލިބޭކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި ދަންނަވާ ފެސިލިޓީތައް ޤާއިމްކޮށްގެން ކެޕޭސިޓީ އިތުރުކޮށްގެން ދިވެހިރާއްޖެއިން ބޭރުކުރާ މަހަށް އަގުއެއްކޮށްގެން ބޮޑު އިންސައްތައެއް ނޫނިއްޔާމުން ހުރިހައި މަހެއް ރާއްޖޭގައި އަގު އެއްކޮށްގެން ބޭރުކުރާކަމުގައި ވާނަމަ އަޅުގަނޑުމެންނަށް މި އާމްދަނީ ޓްރިޕަލްކުރެވޭނެ. 2 ގުނައަށްވުރެ ބޮޑު ކުރެވޭނެ. އެއީ އަޅުގަނޑުމެންގެ އަމާޒަކީ" ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގައި ބާނާ 90% މަސް ބޭރުކުރެވޭނީ އަގު އެއްކޮށްގެންކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިކަމުގެ ދާއިރާއަށް ގެންނަން ބޭނުންވާ ބޮޑު ބަދަލެކެވެ.









