ތޫނު ހަތިޔާރު ބޭނުންކޮށްގެން ގޭންގު މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ހަތަރު ޒުވާނަކު ތަހުޤީޤީ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނިލް ކޯޓުން އިއްޔެ އަމުރުކޮށްފައިވަނީ 21 އަހަރުގެ ދެ ޒުވާނުންނާއި 22 އަހަރުގެ ޒުވާނަކާއި 23 އަހަރުގެ ޒުވާނެއް ބަންދުކުރުމަށެވެ.
އެ އަމުރުގައިވާ ގޮތުން މި ހަތަރު މީހުންގެ މައްޗަށްވެސް ހެކި ހުށަހަޅާފައިވަނީ ތުހުމަތު ކުރެވޭ މިންވަރަށެވެ. އޭގެ ތެރޭގައި ތަހުޤީޤީ ބަޔާންތަކާއި، ސީސީޓީވީ ފުޓޭޖާއި، އިންޓެލިޖެންސް ރިޕޯޓުގެ އިތުރުންވެސް ހެކިތައް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން މި މާރާމާރީގައި ޖިސްމާނީ އަނިޔާއެއް ހިމެނޭކަން އެނގޭ ހެކި ހުށަހަޅާފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މި މާރާމާރީ ހިންގާފައިވަނީ ކޮން ސަބަބަކާ ހުރެ ކަމާއި މާރާމާރީގެ އިތުރު ތަފްޞީލު އިންޓެލިޖެންސް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ މާރާމާރީ ހިންގުމަށް ފަހު އެހެން ރަށަކަށް އެމީހުން ފުރައިގެން ދިޔަ ކަމަށެވެ. އެގޮތުން އެމީހުން ހައްޔަރުކުރުމަށް ފަހު ފުރަތަމަ ހާޒިރުކޮށްފައިވަނީ އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށެވެ. އަދި މިހާރު އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވަނީ ޖިނާއީ އިޖުރާތުގެ ޤާނޫނާ ޚިލާފަށް ކަމަށް ނުދެކޭ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
އެ މީހުން ބަންދުގައި ބޭތިއްބުމަށް ހަމަޖެހިފައިވަނީ ދޫނިދޫ ޖަލުގައި ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.









