ގޭންގުތަކުގެ ސަބަބުން ދިވެހި ރައްޔިތުން ނުރައްކަލަށް ހުށަހެޅިގެން ނުވާނެ ކަމަށާއި އެކަންކަން ހުއްޓުވަން ގޭންގްތަކާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު، އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން މިހެން ވިދާޅުވެފައިވަނީ ހުޅުމާލޭގައި ހުންނަ ހިޔާ ފްލެޓެއްގައި މީހަކު ރަހީނު ކޮށްގެން އުޅޭ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ރޭ ލިބުމާއި ގުޅިގެން ހިންގި އޮޕަރޭޝަނަކަށް ފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެޗް9-20-11ގެ ދޮރުވައްޓާލައި އެތަނަށް ވަދެ ފުލުހުން ވަނީ 12 މީހުން ހައްޔަރުކޮށް، ރަހީނުކޮށްފައިވާ މީހާ ސަލާމަތް ކޮށްފައެވެ. މިކަމާއި ގުޅިގެން އިހުސާން ވިދާޅުވީ، ރައީސް، ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، ގޭންގްތަކާއި މަސްތުވާތަކެތި ވިއްކުމާއި އެތަކެތި ބޭނުން ކުރުން އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި ރައީސްގެ ފަސް އަހަރުގެ ދައުރެއްގައި އެފަދަ ކަންކަން ހުއްޓުވައި، ރާއްޖެއަކީ ރައްޔިތުންނަށް ދިރިއުޅެން ހިތްފަސޭހަ އަމާން ތަނެއްގެ ގޮތުގައި ހެދުމަކީ އަމާޒެއް ކަމަށެވެ.
އިހުސާން ވިދާޅުވީ، ގޭންގްތަކާއި ދެކޮޅަށް ފުލުހުންގެ ތެރޭގައި ޚާއްސަ ޔުނިޓެއް އުފައްދާފައިވާ ކަމަށާއި، ރޭ އިންޓެލިޖެންސަށް ލިބުނު ރިޕޯޓާއި ގުޅިގެން އެ ޔުނިޓުން ވެސް ހަރަކާތްތެރިވި ކަމަށެވެ. އެ އޮޕަރޭޝަނުގައި ފުލުހުން ދެއްކި ހިތްވަރަށާއި ކުރެއްވި މަސައްކަތަށް އިހުސާން ވަނީ ޝުކުރު ދަންނަވާފައެވެ.
"ޤަވާޢިދާ ޤާނޫނާއި ޚިލާފަށް ރާއްޖޭގައި ޚާއްސަކޮށް ގޭންގްތައް ހަދައިގެން ކުށް ކުރަމުންދާ ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން ބޭނުން މިކަންކަން ހުއްޓާލަން. ކުދިންގެ މުސްތަޤުބަލު ހަލާކު ނުކޮށް މިފަދަ ކަންކަމުގެ ތެރެއަށް ނުވަދެ، ޖަލުތަކުގެ ތޭރިތަކުގެ ތެރެއަށް ވަނުމުގެ ބަދަލުގައި ޤައުމަށް ފައިދާ ހުރި ޒުވާނުންގެ ގޮތުގައި މިކަމުން ނެއްޓިގެން އަވަހަށް ހެޔޮ މަގަށް އެޅުމަށް އަޅުގަނޑު ނަސޭހަތްތެރިވަން." އިހުސާން ވިދާޅުވިއެވެ.
ރާއްޖޭގައި ފުލުހުން ކުށް ކުރާ ފަރާތްތަކާއި ދޭތެރޭގައި ޤާނޫނުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަން ފާހަގަ ކުރައްވަމުން އިހުސާން ވިދާޅުވީ، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ރައީސް މުޢިއްޒުގެ ސަރުކާރަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. "ރައީސް މުޢިއްޒު އެއްވެސް ވަރަކަށް ނެގޯޝިއޭޓް ކުރާނެ ކަމެއް ނޫން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން މިގޮތަށް ޑްރެމެޓައިޒް ކުރުމަކީ." އިހުސާން ވިދާޅުވިއެވެ.
މިފަދަ ހާލަތަކަށް މީގެ ފަހުން ވެސް ދިވެހި ރައްޔިތަކު ގެންގޮއްސި ކަމަށްވަންޏާ ދިވެހި ފުލުހުން ޤާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އިހުސާން ވަނީ ވިދާޅުވެފައެވެ.
އިހުސާން އިތުރަށް ވިދާޅުވީ، ބައެއް ފްލެޓްތަކަކީ އެގޮތަށް ކުށްކުރުމަށް ބޭނުން ކުރާ ތަންތަންކަން ފާހަގަ ކުރެވިފައިވާކަމަށާއި އެކަންކަން ހައްލު ކުރުމަށް ވެސް މަސައްކަތް ކުރާނެ ކަމަށެވެ.
"ބައެއް ފްލެޓްތަކާއި މިގޮތަށް ކުއްޔަށް ހިފައިގެން އުޅޭ ބައެއް ތަންތަނަކީ އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި ވަނީ ތަކުރާރުކޮށް ކުށްތައް ކުރުމަށް ބޭނުން ކުރަމުން އަންނަ ތަންތަން. މިފަދަ ތަންތަނުގެ ވެރިންނާ އަޅުގަނޑުމެން ވާހަކަ ދައްކާނަން. އަދި ތަކުރާރުކޮށް މިފަދަ ކަންކަން ފެންނަ ކަމަށްވާނަމަ ޤާނޫނުގެ ތެރެއިން މިފަދަ ތަންތަން ދައުލަތަށް ނެގެން އޮތް ހައްލެއް ލިބޭ ކަމަށްވާނަމަ އެގޮތަށް އަޅުގަނޑުމެން ޢަމަލު ކުރާނަން." އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާލުވީ ފުލުހުންނަކީ 24 ގަޑިއިރު ރައްޔިތުންގެ ޚިދުމަތުގައި ތިއްބަވާނެ ބައެއްކަމުގެ ޔަޤީންކަން ދެއްވާ، މިފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ގެންނަވާނެ ކަމަށެވެ.









