ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ އައު ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ނިޒާމުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވައިފިއެވެ.
މިކަމަށްޓަކައި ވީއައިއޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަތީފް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސަރުކާރާއި އެމްއޭސީއެލްގެ އިސްވެރިންނާއި އެއަރލައިންތަކުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.
ވީއައިއޭގައި ކުރިން ބޭނުންކުރި ފިއުލް ފާމަކީ 13 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭ ފާމެކެވެ. ނަމަވެސް އަލަށް ތަރައްޤީކޮށް މިއަދު ބޭނުންކުރަން ފެށި ފިއުލް ފާމުގައި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާ ކުރެވޭނެ ކަމަށް ވީއައިއޭ ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުންޏެވެ.
އެމްއޭސީއެލް އިން ބުނީ މި ފިއުލް ފާމުގައި އޭގެ އިތުރުން 1 މިލިއަން ލީޓަރުގެ ޑީސެލާއި 100,000 ލީޓަރުގެ ޕެޓްރޯލް ރައްކާކުރެވޭނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ ފިއުލް ހައިޑްރަންޓް ނެޓްވޯކާއެކު ފްލައިޓުތަކަށް ތެޔޮ އެޅުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށާއި މި ޚިދުމަތް ދިނުމަށްޓަކައި 8.4 ކިލޯމީޓަރުގެ ވިއުގައެއް އަޅާފައިވާ ކަމަށެވެ.

ވީއައިއޭގެ އައު ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ސިސްޓަމް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވާހަކަދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޝަރީފް ވިދާޅުވީ މި ނިޒާމް ބޭނުންކޮށްގެން އެއް ފަހަރާ 7 ބޯޓަށް ތެޔޮ އެޅޭނެ ކަމަށެވެ. އަދި 60 ހާސް ލީޓަރުގެ 2 ބައުޒަރު ކުރިން ބޭނުން ކުރި އިރު ބޯޓަކަށް ތެޔޮ އަޅަން 1 ގަޑިއިރާ 30 މިނެޓު ހޭދަވާކަމަށާއި، އަލަށް ޤާއިމްކުރެވުނު ސިސްޓަމާއެކު 45 ވަރަކަށް މިނެޓު ސަލާމަތްވާކަމަށް ޝަރީފް ވިދާޅުވިއެވެ.
މި ޚިދުމަތްތަކާއެކު އެއަރޕޯޓު ގްރައުންޑުގައި ފްލައިޓް އޮންނަން ޖެހޭ ވަގުތުވެސް ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ މީގެ ސަބަބުން އެއަރލައިންތަކުން ކުރާ ހޭދަ ކުޑަކޮށް، އައު އެއަރލައިންތައް ރާއްޖެއަށް ގެނައުމަށް ހިތްވަރު ލިބިގެންދާނެ ކަމަށެވެ.
ޝަރީފް ފާހަގަކުރެއްވި ގޮތުގައި ކުރީގެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިނަމަ މި ޚިދުމަތް ދިނުމަށް އަހަރެއްހާ ދުވަސް ހޭދަވާނެއެވެ. ނަމަވެސް ރައީސް މުޢިއްޒުގެ މަސައްކަތްޕުޅާއި އިރުޝާދާއެކު ވީއައިއޭ ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް އަވަސްވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މި މަޝްރޫޢަކީ ޗައިނާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.









