ޔުކްރޭނުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެމެރިކާގެ އިންތިޚާބުގައި ކާމިޔާބު ކުރެއްވި ކުރެއްވުމަށް މަރުޙަބާ ކިޔުއްވައި ޓްރަމްޕްގެ ރިޔާސަތުގެ ދައުރުގައި ޔުކްރޭނަށް އިންސާފުވެރި ސުލްޙައެއް ގެނެވޭނެކަމުގެ އުންމީދު ކުރައްވާ ކަމަށް ވިދާޅުވެއްޖެއެވެ.
ޒެލެންސްކީ ވިދާޅުވީ، ބައިނަލްއަޤްވާމީ މައިދާނުގައި "ބާރުގެ ޒަރީއާއިން ސުލްޙަ" ގެ އުސޫލަށް ޓްރަމްޕް އަހައްމިއްޔަތުކަން ދެއްވާކަން އެނގިވަޑައިގަންނަވާ ކަމަށެވެ. މިއީ ޔުކްރޭނަށް އިންސާފުވެރި ސުލްޙައެއް ގެނެވިދާނެ އުޞޫލެއް ކަމަށް ވެސް ވިދާޅުވިއެވެ.
ޔުކްރޭނުގެ ރައީސް އިތުރަށް ވިދާޅުވީ، ޓްރަމްޕްގެ ހަރުދަނާ ލީޑަރޝިޕްގެ ދަށުން އެމެރިކާގެ ބާރުވެރި ދައުރަކަށް އިންތިޒާރުކުރައްވާ ކަމަށާއި އަދި އެމެރިކާގެ ދެ ޕާޓީގެ ފަރާތުން ޔުކްރޭނަށް ލިބެމުންދާ އެހީތެރިކަން ކުރިއަށް އޮތްތަނުގައި ވެސް ލިބޭނެކަމުގެ އުންމީދު ކުރައްވާ ކަމަށެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ، ޓްރަމްޕްގެ ދެވަނަ ދައުރަކުން ޔުކްރޭނަށް އެމެރިކާއިން ދެމުންދާ އެހީތެރިކަމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ބެލެވޭކަމެވެ. ސަބަބަކީ، ޓްރަމްޕް ވަނީ ބައިޑެންގެ ވެރިކަމުގައި ޔުކްރޭނަށް ދެމުންދާ އަސްކަރީ އެހީތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.









