ލޮނުފެނުން މަސް ފިނިކުރާ ނިޒާމު މަސް ދޯނިތަކުގައި ހަރުކުރުމަށް 13 ފަރާތަކަށް ލޯނު ދޫކުރަން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ފަރާތްތަކަށް ލޯނު ލިބުނުކަމުގެ ލިޔުން ޙަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
އެ 13 ފަރާތައް ލޯނު ދޫކުރުމަށް ނިންމާފައިވަނީ ލޮނުފެނުން މަސް ފިނިކުރާ ނިޒާމު މަސް ދޯނިތަކުގައި ހަރުކުރުމަށް ހުޅުވާލި ފުރުޞަތުގައެވެ. ފިޝަރީޒް މިނިސްޓްރީއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން މި ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ ސެޕްޓްބަރު މަހުގެ 22 ގައެވެ.
ފިޝަރީޒް މިނިސްޓަރ އަޙުމަދު ޝިޔާމް ވިދާޅުވީ މީގެ ކުރިންވެސް ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ދޯނިތަކުގައި ޤާއިމްކުރުމަށް މަސްވެރިންނަށް ހުޅުވާލާފައިވީ ނަމަވެސް މި ސަރުކާރުން މި ލޯނަށް އަލުން ހުޅުވާލާފައިވަނީ މީގެ ކުރިން ނެތް އެތައް ލުއިތަކަކާ އެކު ކަމަށެވެ. އެގޮތުން ލޯނަށް ކުރިމަތިލާ އޮޑިވެރިންނަށް ސަރުކާރުން ލޯނުގެ ޖުމްލަ %35 ދައްކައިދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އޭގެ މާނައަކީ 1 މިލިއަން ލޯނުގެ ގޮތުގައި ދެންޏާ، 350,000 ރުފިޔާ ސަރުކާރުން ދޭނެ." މިނިސްޓަރ ވިދާޅުވިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 148 މިލިއަން ރުފިޔާ ކަމަށާއި އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ މި ލޯނު ފެސިލިޓީގެ ދަށުން ރަހުނަކާއި ނުލައި، 100,000 ރުފިޔާއިން ފެށިގެން 2,000,000 ރުފިޔާއާ ހަމައަށް އެހީ ދޭނެ ކަމަށެވެ.
މީގެ އިތުރުން މީގެ ކުރިން ހުޅުވާލި ލޯނު ފުރުޞަތުތަކާ ޚިލާފަށް މި ފަހަރު، ދޯނިތަކުގައި އަވިން ހަކަތަ އުފެއްދޭ ސޯލާ ނިޒާމާއި ޖަނަރޭޓަރު ގަތުމުގެ ފުރުޞަތު ދޭއިރު، ލޯނު އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު، 10 އަހަރު ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ލޯނު ސްކީމަށް މިހާތަނަށް 31 އެޕްލިކޭޝަން ލިބި، 21 އެޕްލިކޭޝަނެއް ޕްރޮސެސް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ސަރުކާރުގެ އަމާޒަކީ ހުރިހާ މަސް ދޯންޏެއްގައި ވެސް މި ނިޒާމު ހަރުކުރުން ކަމަށެވެ.









