ގއ. ކޫއްޑޫގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ޙަވާލުކޮށްފައިވަނީ ބޭރުގެ ކުންފުންޏެއް ކަމަށްވާ ލަކީ ގްލޯބަލް ޕްރޮޖެކްސްޓް ޕްރައިވެޓް ލިމިޓެޑާއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަޙުމަދު ޝިޔާމް އެވެ. އަދި ގްލޯބަލް ޕްރޮޖެކްސްޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އާޝިޝް އޮބަރޯއިއެވެ.
ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ލޯނު އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މިއީ 6.6 މިލިޔަން ޑޮލަރުގެ މަޝްރޫޢެކެވެ. މިހާރު ކޫއްޑޫގައި 2000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހުންނައިރު، މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކޫއްޑޫގެ ސްޓޯރޭޖް 6000 މެޓްރިކް ޓަނަށް އިތުރުކުރެވޭނެއެވެ.
މިހާރު މުޅި ރާއްޖޭގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީއަކީ 8500 ޓަނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވަނީ މިހާރު ހުރި ކެޕޭސިޓީ ދެގުނަ ކުރުމަށެވެ. އެކަމާ ގުޅޭގޮތުން މިނިސްޓަރ ޝިޔާމް ވިދާޅުވީ މިހާރުގެ އަމާޒަކީ 3 ގުނަކޮށް، ޖުމްލަ ކެޕޭސިޓީ 25 ހާސް ޓަނަށް ހެދުން ކަމަށެވެ.

ކޫއްޑޫގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގަންނަވަނީ. / ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި އެކަށީގެންވާ ސްޓޯރޭޖް ނެތުމުގެ ސަބަބުން ރާއްޖެއިން ވިއްކާ މަހަށް ރަނގަޅު އަގެއް ނުލިބޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ބާނާ މަހުގެ %65 ރޯ މަހުގެ ގޮތުގައި ބޭރު ކުރާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ކޯލްޑް ސްޓޯރޭޖްގެ ޙާލަތު ރާއްޖޭގައި ހުރިގޮތުން މަހަށް އަގު ކިޔުމުގެ ބާރު ރާއްޖެއަށް ނޯންނަ ނަމަވެސް، މި ސަރުކާރުން ކުރިއަށް ގެންދިއުމަށް ރާވާފައި ހުރި މަޝްރޫޢުތަކާއެކު މަސްވެރިކަމަށް ގިނަ ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.
މިދިޔަ މަހުގެ 28 ގައި ވަނީ މ. މުލަކުގައި ވެސް 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި ކޯލްޑް ސްޓޯރޭޖްގައި ދުވާލަކު 50 ޓަނު މަސް ބްރައިން ފްރީޒްކުރުމުގެ ޤާބިލުކަން ހުންނާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.









