ކެޔޮޅުންގެ އެވޯޑާއި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 21 ވަނަ ދުވަހާއި ހަމައަށް ފިޝަރީޒް މިނިސްޓްރީން އިތުރުކޮށްފިއެވެ.
އެމިނިސްޓްރީ ބުނީ މިއަހަރުގެ މަސްވެރިންގެ ދުވަހު ދިނުމަށް ހަމަޖެހިފައިވާ ތިން އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށާއި މި އެވޯޑުތަކަކީ ޒުވާން ކެޔޮޅާއި ތަޖުރިބާކާރު ކެޔޮޅާއި އަދި ފަރުމަސްވެރިޔާގެ އެވޯޑެވެ.
މިނިސްޓްރީން ބުނީ އެވޯޑަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅޭނެ ކަމަށެވެ. އަދި އެވޯޑަށް އެދި ހުށަހަޅަން ޖެހޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެ ކަމަށާއި، ފުރިހަމަކޮށްފައިވާ ފޯމް މިނިސްޓްރީގެ އީމެއިލް އެޑްރެހަށް ފޮނުވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީގެ އީމެއިލް އެޑްރެސް fisheriesmanagement@fisheries.gov.mv
މމިއަހަރަކީ ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރާތާ 44 އަހަރު ފުރޭ އަހަރެވެ. މި ދުވަސް ފުރަތަމަ ފާހަގަ ކުރީ 1980 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤަައްޔޫމެވެ.
މަސްވެރިންގެ ދުވަހަކީ މަސްވެރިންގެ ޤަދަރު އުފުލުމަށާއި، އެ ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމަށް ފާހަގަކުރާ ދުވަހެކެވެ. އަދި މަސްވެރިކަމުން ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ފައިދާ އިތުރުކުރުމުގެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން ފާހަގަކުރަން ފެށި ދުވަހެކެވެ.









