ޕްރޮސެސިން ފެސިލިޓީތަކާއި ކޯލްޑް ސްޓޯރޭޖުތައް ގާއިމް ކުރުމާއެކު މަސްވެރިކަމުން ލިބޭ އާމްދަނީ ދެގުނަ އިތުރުވެގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކާ ދައްކަވަމުންނެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ، ރާއްޖެއިން އެކްސްޕޯޓުކުރާ މަސް ދުނިޔޭގެ އެކި ބާޒާރުތަކުގައި ވަރަށް އަގުބޮޑުކޮށް ވިއްކަމުންދާކަމަށެވެ. ނަމަވެސް، ރާއްޖެއިން މަސް ބޭރުކުރަނީ ރޯ މެޓީރިއަލްގެ ގޮތުގައި ކަމަށްވުމުން، އޭގެ ފުރިހަމަ ފައިދާ ރާއްޖެއަށް ނުލިބޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ނުދަންނަވާނަން ހަމަ އަގެކޭ. ރަނގަޅު އަގެއް ނުލިބޭކަން އަޅުގަނޑުމެންނަށް މި އެނގެނީ. އެ މަސް ދިވެހިރާއްޖޭގެ އަގު އެއްކޮށްގެން އަޅުގަނޑުމެންނަށް ބޭރުކުރެވޭ ކަމަށްވަންޏާ އަޅުގަނޑުމެންނަށް، މަސް އެކްސްޕޯޓުކޮށްގެން ދިވެހިރާއްޖެއަށް މި ވައްދާ ބޭރު ފައިސާ އެތައް ގުނައެއް އިތުރު ކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި، ސަރުކާރުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކުރެވިފައިވާ ކޯލްޑް ސްޓޯރޭޖުތަކާއި ޕްރޮސެސިން ފެސިލިޓީތަކުގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ފަށާފައެވެ. މީގެ ތެރޭގައި ޅ. ފެލިވަރު، ފ. ނިލަންދޫ، އަދި ގދ. ފިޔޯރީގެ ޕްރޮސެސިން ފެސިލިޓީތަކަށް އިތުރު 100 ޓަނު އިތުރުކުރުން ހިމެނެއެވެ.
މިހާރު ރާއްޖޭގައި ގާއިމްކުރެވިފައިވާ ކޯލްޑް ސްޓޯރޭޖުގެ ކެޕޭސިޓީއަކީ 8،500 ޓަނެވެ. ސަރުކާރުގެ އަމާޒަކީ މި އަދަދު 25،000 ޓަނަށް އިތުރުކުރުމެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން ވައުދެއްކަން ވެސް މިނިސްޓަރު ޝިޔާމް ފާހަގަކުރެއްވިއެވެ.









