އިލެކްޝަންސް ކޮމިޝަން (އީސީ) އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސްއާއި ނައިބު ރައީސް ޢައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ހުށަހަޅާފައިވާ ގާނޫނީ އިސްލާޙުތަކާއި ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.
މި ދެ ކޮމިޝަނުގެ ގާނޫނުތަކަށް އިސްލާޙު ގެނައުމުގެ ބިލުތައް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު އަދި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ދެ އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދެ ބިލާއި ގުޅޭގޮތުން އާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވެއެވެ.
މި އިޞްލާޙްތަކުގެ މަޤްޞަދަކީ މުސްތަޤިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް، ކޮމިޝަންތަކަށް ޢައްޔަނުކުރާ މެންބަރުންގެ ތެރެއިން ރައީސް އަދި ނައިބު ރައީސްގެ މަޤާމަށް މެންބަރުން ޢައްޔަނުކުރުމުގައި ޢަމަލުކުރަމުން އަންނަ އުޞޫލު އެއްހަމަ ކުރުމެވެ. މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގައިވާ ގޮތުން، އޭސީސީ އާއި އީސީގެ ރައީސް އަދި ނައިބު ރައީސް ހޮވަނީ އެ ދެ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
މި ދެ ބިލުގެ ބަހުސް ނިންމައި، އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައިވަނީ އިއްޔެއެވެ.









