ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން މިއަދު ވޭޕް މަނާ ކުރުމުގެ ބިލް ފާސްކޮށްފިއެވެ. މި ބިލުގެ ދަށުން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުން މަނާވެގެންދާނެއެވެ. އަދި ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރު 21 އަހަރަށް އުފުލިގެންދާނެއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާނެވެ. މަޖިލީހުން މި ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވުމަށް 77 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.
ބިލުގައިވާ ގޮތުން، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕާއި ވޭޕް ކުރުމަށް ބޭނުންވާ ތަކެތި އެތެރެކުރުން މަނާވާނެއެވެ. އަދި ޑިސެންބަރު 15 އިން ފެށިގެން ވޭޕް ވިއްކުމާއި ބޭނުންކުރުންވެސް މަނާވެގެންދާނެއެވެ.
މި ބިލުގައި ވާގޮތުން މިކަމާއި ޚިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި;
- ވޭޕް އެތެރެކުރާ ފަރާތްތަކަށް 50,000 ރުފިޔާގެ ޖޫރިމަނާއެއް،
- ވިއްކާ ފަރާތްތަކަށް 20,000 ރުފިޔާގެ ޖޫރިމަނާއެއް،
- އަދި ބޭނުންކުރާ ފަރާތްތަކަށް 5,000 ރުފިޔާގެ ޖޫރިމަނާއެއް ހިމެނެއެވެ.
މި ބިލު މިހާރު ވަނީ މަޖިލީހުގެ ފްލޯއަށް ފޮނުވުމަށް ތައްޔާރުވެފައެވެ. އަދި މަޖިލީހުން ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމުން ޤާނޫނަކަށް ވެގެންދާނެއެވެ.









