ތިމާވެށީގެ ކަންތައްތަކުގައިި ދުނިޔޭގައި އެންމެ ލީޑުކުރާ ޤައުމަށް ދިވެހިރާއްޖެ ވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. "ދިވެހިރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން" މަޝްވަރާ އިފްތިތާޙް ކޮށްދެއްވަމުން އެމަނިކުފާނު މިއަދު ވިދާޅުވީ ތިމާވެށީގެ މައްސަލަތަކުގައި އެންމެ ބޮޑު ގެއްލުމެއް ލިބެނީ ދިވެހިރާއްޖެއަށް ކަމަށާއި، ބޮޑެތި ޤައުމުތަކުން ތިމާވެށްޓަށް ވަރަށް ބޮޑަށް ނުރައްކާކުރާއިރު އެފަދަ ކަންތަކެއް ރާއްޖެއިން ނުކުރާކަން ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދެން އޮންނަ ކޮޕް29 ސަމިޓުގައި އަޒަރުބައިޖާނަށް އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށާއި، ތިމާވެށީގެ މައްސަލައިގައި އެމަނިކުފާނު ވަރަށް ބޮޑަށް ވަކާލާތު ކުރައްވައި ރާއްޖެއަށް ލިބެމުންދާ ގެއްލުންތަުގެ ސަބަބުން އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. 

ކޮޕް29 އަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގައުމުތަކުން ހޯދާފައިވާ ކާމިޔާބީތައް ދައްކާލުމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ދަތި ގޮންޖެހުންތަކާ ކުރިމަތިލުމަށް ބައިނަލްއަގްވާމީ އެއްބާރުލުން އުފެއްދުމަށް ޕްލެޓްފޯމެއްގެ ގޮތުގައި ބެލެވޭ ބައްދަލުވުމެކެވެ. މޫސުމަށް އަންނަ ބަދަލުތަކަށް މާލީ އަދި ޓެކްނޮލޮޖީގެ އެހީތެރިކަން ހޯދުމުގެ ސްޓްރެޓެޖީތަކުގައި އެއްބާރުލުން ދިނުމުގެ ފުރުސަތު ކޮޕް29 ބައްދަލުވުމުން ޤައުމުތަކަށް ލިބެއެވެ.