ދިވެހިރާއްޖޭގެ "ކުރިއަށް އޮތް 20 އަހަރަށް ލަފާކުރާ ޤައުމީ ތަރައްޤީގެ ޕްލޭން" އެކުލަވައިލައި، އެ ޕްލޭން ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާޙްކޮށްފިއެވެ.
ޤައުމީ ތަރައްޤީގެ މައިގަނޑު އަސާސަކީ ލޮލަށް ފެންނަ ތަރައްޤީއާއި، ޤައުމިއްޔަތުގެ އެންމެހައި ބަހާތައް ހިމެނޭހެން ޤައުމިއްޔަތު ދިރުވައި، އާލާކޮށްދޭ އިންސާނީ ތަރައްޤީކަމަށްވުމާއެކު، މި ދެ ބާވަތުގެ ތަރައްޤީ ހާސިލުވާނެ ގޮތަށް ޕްލޭންގެ މަސައްކަތް ކުރިޔަށް ގެންދިޔުމެވެ. އަދި ހަމަ އެހެންމެ، ޤައުމީ ތަރައްޤީގެ ޕްލޭންގައި ހިމެނޭ މައިގަނޑު އަސާސްތައް، ޤާނޫނުއަސާސީގައި ހިމަނައި، މި ޕްލޭނަށް ޤާނޫނީ ހިމާޔަތްތެރިކަން ލިބިދިނުމާއި އަދި މި ޕްލޭނަށް ބަދަލު ގެނެވޭނެ މިންގަނޑުތައް ހިމެނޭ ގޮތަށް، ވަކި ޤާނޫނެއް އެކުލަވައިލުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުންވެސް މި ޕްލޭންގެ މަސައްކަތް ކުރިޔަށް ގެންދިއުމުގައި އިކޮނޮމިކް ޑިވެލޮޕްމަންޓް، ސޯޝަލް ޕްލޭނިންގ، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް، ގަވަރނަންސް އަދި ސްޕޭޝަލް ޕްލޭނިންގ ދާއިރާއިން ކަމާބެހޭ ތަޖުރިބާކާރުންގެ ޓީމެއް، ދިވެހިންގެ ކޮންޓްރޯލް އޮންނަ ގޮތަށް އެކުލަވައިލައި، އެ ޓީމް ލީޑުކުރާ ފަރާތެއްގެ ގޮތުގައި، ދިވެހިވަންތަ ދިވެހިންގެ ވިސްނުމާއި، ޤައުމިއްޔަތު ހިމާޔަތްކުރެވޭނެ ޤާބިލު ދިވެއްސަކު ހަމަޖެއްސުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި ވަނީ މި ޕްލޭނާ ގުޅޭ ޢަމަލީ މަސައްކަތް 12 މަސްދުވަހުގެ ތެރޭގައި ނިންމެވުމަށެވެ.
މި ޕްލޭނަކީ ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގެ ކަމާއި ގުޅުންހުރި ދާއިރާތަކުގެ އެހީތެރިކަން ހޯދައިގެން އެކުލަވާލެވޭ ޕްލޭނެއް ކަމަށާއި، ނަމަވެސް މުޅި ޕްލޭން ހަދާނީ ދިވެހިން ކުރީ ސަފުގައި ތިބެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. މި ޕްލޭން ވެގެންދާނީ ޤައުމިއްޔަތުގެ ވިސްނުމުގައި ޤައުމުގެ ކުރިމަގު ހިމާޔަތްކޮށް ބިނާކުރުމުގެ ވިސްނުމުގައި ކުރާ މަސައްކަތަކަށް ކަމަށްވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ.
ޤައުމީ ތަރައްޤީގެ ޕްލޭން އިފްތިތާޙުކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގައުމުގެ ތަރައްޤީގެ މަސައްކަތަކީ ވަރަށް މުހިންމު އަހައްމިއްޔަތުކަމެއް ދީގެން ކުރައްވަން ޖެހޭ މަސައްކަތެއް ކަމަށާއި، ސިޔާސީ އޮއިވަރުގައި ޖެހި އޭރެެއްގައި އޮންނަ ސަރުކާރެއްގެ ވިސްނުމާ އެއްގޮތަށް ބަދަލުތަކެއް އަބަދު އަންނަނަމަ ރައްޔިތުންނަށް އެންމެ ފައިދާ ނުކުރާނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި ކަނޑައަޅާފައި އޮންނަ ވަކި މަގަކުން ރައްޔިތުންގެ ދާން ބޭނުންވާ މިސްރާބަށް ދެވޭ ގޮތަށް ބައްޓަން ކުރެވިއްޖެނަމަ ރައްޔިތުންނަށް މާ ފައިދާކުރާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.









