ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ މުހިއްމު ވަޢުދެއް ފުއްދުމުގެ ގޮތުން އެކުލަވާލާ "ދިވެހިރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން" މަޝްވަރާ އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު މިއަދު އޮންނާނެއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި މި ރަސްމިއްޔާތު އޮންނާނީ މިއަދު ހެނދުނު 9:00 ގައި ޒުވާނުންގެ މަރުކަޒުގެ ހޯލުގައެވެ.
މި ޕްލޭންގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ ޚިޔާލާއި ނިންމުންތަކާއެކު ދިގު މުއްދަތުގައި ރާއްޖެ ތަރައްޤީވެގެން އަންނާނެ ގޮތުގެ ފުރިހަމަ ޕްލޭނެއް އެކުލަވާލުމެވެ.
މީގެ ކުރިން ރައީސް ވިދާޅުވެފައިވަނީ މި ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ހޯދައިދޭނެ ކަމަށާއި، ޕްލޭން އެކުލަވާލުމުގައި ސިޔާސީ ޕާޓީތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކާއި އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާއި ކަމާބެހޭ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާނެ ކަމަށެވެ. އަދި ހުރިހާ ރަށެއްގެ މަޝްވަރާ ހޯދައި، އިޖްތިމާޢީ، އިޤްތިޞާދީ، ގަވަރނަންސް، ސްޕޭޝަލް ޕްލޭން، އަރބަން ޑިވެލޮޕްމަންޓް ފަދަ ހުރިހާ ދާއިރާއަކުން ޕްލޭންތައް ހަދާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރައީސް އޮފީހުގެ ސްޕޯކްސް ޕަރސަން ހީނާ ވަލީދު ވިދާޅުވެފައިވަނީ މި ޕްލޭނަކީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ގެނައުމަށް ވަރަށް މުހިންމު ޕްލޭނެކެވެ. އަދި ސަރުކާރުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމަށް މި ޕްލޭން މުހިންމުވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މި ޕްލޭނަކީ ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގެ ކަމާއި ގުޅުންހުރި ދާއިރާތަކުގެ އެހީތެރިކަން ހޯދައިގެން އެކުލަވާލެވޭ ޕްލޭނެއް ކަމަށާއި، ނަމަވެސް މުޅި ޕްލޭން ހަދާނީ ދިވެހިން ކުރީ ސަފުގައި ތިބެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. މި ޕްލޭން ވެގެންދާނީ ޤައުމިއްޔަތުގެ ވިސްނުމުގައި ޤައުމުގެ ކުރިމަގު ހިމާޔަތްކޮށް ބިނާކުރުމުގެ ވިސްނުމުގައި ކުރާ މަސައްކަތަކަށް ކަމަށްވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވެފައިވަނީ މި ފަށާ މަސައްކަތަކީ އެންމެންގެ ކުރިއެރުމަށާއި، ދަރިންގެ މުސްތަޤްބަލަށް ކުރާ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މި ޕްލޭނަކީ ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ ޕްލޭނަކަށް ހައްދަވާނެ ކަމަށާއި، ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން އޮންނަ ގޮތަށް ޤައުމު ތަރައްޤީކުރުމަށް މަގުފަހިކޮށްދޭނެ ޕްލޭނަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި ވަނީ މި ޕްލޭނާ ގުޅޭ ޢަމަލީ މަސައްކަތްތައް 12 މަސްދުވަހުގެ ތެރޭގައި ނިންމެވުމަށެވެ.
މިއަދު އިފްތިތާޙްކުރެވޭ "ދިވެހިރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން" އަކީ ރާއްޖޭގެ ދިގު މުއްދަތުގެ ތަރައްޤީއަށް އަމާޒުކޮށް، ޤާނޫނީ ބާރުވެރިކަން ލިބިގެން އެކުލަވާލެވޭ ފުރަތަމަ ޕްލޭންކަން ފާހަގަކުރެވެއެވެ. މި ޕްލޭނުގެ ސަބަބުން ސަރުކާރުތައް ބަދަލުވުމުން އަންނަ ސިޔާސަތުތަކުގެ ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް ކުޑަވެ، ދެމެހެއްޓެނިވި ތަރައްޤީއެއް ޤައުމަށް ގެނައުމަށް މަގުފަހިވެގެންދާނެއެވެ.









