ރާއްޖޭގައި މަސް ރައްކާކުރުމުގެ ޤާބިލުކަން މިހާރު ހުރި 8,500 ޓަނުން 25,000 ޓަނަށް އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މި މަޢުލޫމާތު ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެެވެ.
މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި މަސް ރައްކާކުރެވޭނެ އިންތިޒާމުތައް ޤާއިމުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަމަށެވެ. އެގޮތުން، ދެކުނާއި މެދުރާއްޖެތެރެ އަދި އުތުރުގައި މަސް ރައްކާކުރެވޭނެ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިހާރު ރާއްޖޭގައި މަސް ރައްކާކުރެވޭ މިންވަރުގެ ތަފްޞީލު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ފެލިވަރުގައި 750 ޓަނު، ކޫއްޑޫގައި 2,000 ޓަނު، އަދި ހުޅުމީދޫގައި 1,500 ޓަނު ރައްކާކުރެވޭ ކަމަށެވެ. މީގެ އިތުރުން، ބޯޓުފަހަރުގައި ހުރި ކެޕޭސިޓީއާއެކު މުޅި ރާއްޖޭގައި މިވަގުތު މަސް ރައްކާކުރެވޭ މިންވަރަކީ ގާތްގަނޑަކަށް 8,500 ޓަނު ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ކެޕޭސިޓީ އިތުރުކުރުމަށްޓަކައި، ސަރުކާރުން ވަނީ ދެކުނުގެ ހަތަރު ރަށެއްގައްޔާއި މެދުރާއްޖެތެރޭގެ ދެ ރަށެއްގައި އަދި އުތުރުގެ ދެ ރަށެއްގައި އައު ސްޓޯރޭޖް ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން، ސ. ހުޅުމީދޫގައި 500 ޓަނު، ގއ. ކޫއްޑޫގައި 4,000 ޓަނު، ގދ. ފިޔޯރީގައި 3,000 ޓަނު، ގދ. ތިނަދޫގައި 1,000 ޓަނު، މ. މުލަކުގައި 500 ޓަނު، ފ. ނިލަންދޫގައި 1,500 ޓަނު، ޅ. ފެލިވަރުގައި 4,000 ޓަނު، އަދި ހއ. އިހަވަންދޫގައި 1,000 ޓަނުގެ ސްޓޯރޭޖް ފެސިލިޓީތައް ޤާއިމުކުރެވޭނެއެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ރާއްޖޭގައި މަސް ރައްކާކުރެވޭ މިންވަރު 25,000 ޓަނަށް އިތުރުކުރެވިގެންދާނެއެވެ.









