ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި ޤާއިމްކުރާ ދެ ސެންޓަރު އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ވަޒީރު ވިދާޅުވިގޮތުގައި، ރާއްޖޭގައި މިވަގުތު ހުރީ ކަނދުފަތި ޤާއިމްކުރާ އެންމެ ސެންޓަރެކެވެ. މިއީ ކަނދުފަތިތައް ޤާއިމްކުރުމަށް މިހާރު އެ ވުޒާރާއަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމުން، ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި ޤާއިމްކުރާ ދެ ސެންޓަރު އެޅުމަށް ސަރުކާރުން ނިންމާފައިވާކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
"އަޅުގަނޑުމެން މި ނިންމީ ރާއްޖޭގެ ދެ ސަރަހައްދުގައި އުތުރާއި ދެކުނުގައިވެސް ކަނދުފަތި ޕްރޮޑިއުސްކުރާ 2 ސެންޓަރު ޤާއިމްކުރުމަށް. އެގޮތުން ށ. އަތޮޅު ފުނަދޫއިން އަޅުގަނޑުމެންނަށް މިހާރު ބިމެއް އެލޮކޭޓްކުރެވި އެ ބިން ސާފުކުރުމުގެ މަސައްކަތް މިހާރު އެ ކުރިއަށްދަނީ. އޭގެއިތުރުން ގދ. ވާދޫ މިހާރު އަޅުގަނޑުމެން މިވަނީ އައިޑެންޓިފައި ކޮށްފައި ކަނދުފަތިތައް ޤާއިމްކުރުމަށް." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވިގޮތުގައި، ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި ވަނީ އަޅާފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްޞަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ސްޕޯރޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ. ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރަމުންދާއިރު މިހާރު ވަރަށް ބޮޑަށް ވަދު ކަނދުފަތި އެޅުމަށް އެދެމުން އަންނަ ކަމަށާއި، މިހާރުވެސް 89 ވަދު ކަނދުފަތި އެޅުމަށް އެކި ފަރާތްތަކުން އެދިފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު މިހާތަނަށް ޖުމްލަ 29 ކަނދުފަތި ވަނީ އަޅާފައެވެ. އޭގެތެރޭގައި ހިމެނެނީ ދޮށީގެ މަސްވެރިކަން ނުވަތަ ކަޅުބިލަ މަހުގެ މަސްވެރިކަމަށް ޚާއްޞަ 18 ކަނދުފައްޗާއި 11 ވަދު ކަނދުފައްޗެވެ.









