ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް މިއަދު ކުޅުދުއްފުށި ސިޓީގައި އިފްތިތާހްކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ މިއީ ކުޅިވަރުގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމަށް ފެށި މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މި ޕްރޮގްރާމަކީ ސިއްޙަތާއި ދުޅަހެޔޮކަމަށް މުހިންމު ފިޔަވަޅުތަކެއް އެޅޭނެ ޕްރޮގްރާމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ޕްރޮގްރާމް ހުރިހާ އަތޮޅުތަކަށް ކުރިއަށް ގެންގޮސް އެކަމުގެ ފައިދާ ކުރާނެ. ޑިސެމްބަރު މަހުގެ 26ގެ ނިޔަލަށް މި ޕްރޮގްރާމް ނިންމާލެވޭނެކަމަށް އުއްމީދުކުރަން" ވަޒީރު ވިދާޅުވިއެވެ.

"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އަތޮޅުތައް 6 ޒޯނަކަށް ބަހާލައި، ލީޑަރުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިގޮތުން ޒޯން 1 ގައި ހިމެނޭ ހއ، ހދ އަދި ށ އަތޮޅުގެ ރަށްރަށުގެ ސްޕޯޓްސް ކައުންސިލަރުންނާއި ޔޫތު އެސޯސިއޭޓުން ތަމްރީނުކުރުމަށް ހަމަޖެހިފައިވެއެވެ.

ތަމްރީނު ޕްރޮގްރާމްގައި ފިޒިކަލް އެކްޓިވިޓީސްތަކާއި ތިޔަރީ ކްލާސްތައް ހިމެނޭގޮތަށް ލީޑަރޝިޕް އަދި މެނޭޖްމަންޓް ސްކިލްސް އުނގަންނައިދިނުމަށް ހަމަޖެހިފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެއެވެ. މީގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގައި އެކި އުމުރުފުރައިގެ މީހުންނަށް ފިޓްނަސް ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ އެންމެ ރަނގަޅު ގޮތްތައް އަންގައިދިނުމެވެ.