ޤައުމަށް އާމްދަނީ ލިބޭނެ އެތައް މަގެއް މިހާރު ފަހިވަމުންދާ ކަމަށާއި، ރައްޔިތުންނަށް އުފާވެރި އަދި ފާގަތި ދުވަސްތަކެއް އަންނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، ކުޅުދުއްފުށި ސިޓީގައި "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް ފެށުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގެ އިގްތިޞާދު ވެއްޓެމުންދިޔަ ފުން އަނދަވަޅުން ސަލާމަތްކުރުން. މިއަދު އިގްތިޞާދު ކުރިއެރުވުމަށް ކާމިޔާބު މަސައްކަތްތަކެއް ފެށި، ކަންކަން ހަމަމަގަށް އެޅެމުންދާ މަންޒަރު ފެންނަން އެބަހުރި," ނައިބު ރައީސް ވިދާޅުވިއެވެ.

އިޤްތިޞާދަށް ދިރުން އަންނަ މިންވަރަކުން ރަށްރަށުގައި މިހާރު ނުނިމި ހުރި މަޝްރޫޢުތައް ނިންމުމާއި، އައު މަޝްރޫޢުތައް ފެށުންވެސް ކުރިއަށްދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ ތެރޭގައި ކުޅިވަރުގެ ވަޞީލަތްތައް ޤާއިމްކުރުންވެސް ހިމެނޭކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ޤައުމަށް އިޚުލާސްތެރި ތެދުވެރި ބޭފުޅެއް. އެމަނިކުފާނުގެ ވަޢުދުފުޅާއި އެއްގޮތަށް ކުޅިވަރުގެ ވަޞީލަތްތައް ޤާއިމްކޮށްދޭނެ. އެ މަސައްކަތްތައް މިހާރުވެސް ދަނީ ކުރަމުން. އުއްމީދަކީ އަންނަ އަހަރުގެ ތެރޭގައި މިކަންކަން ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުން," ނައިބު ރައީސް ވިދާޅުވިއެވެ.

"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ދުޅަހެޔޮ ސިއްޙަތެއްގައި ދެމިހުރުމަށްޓަކައި ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުމުގެ އިތުރުން ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމަކީވެސް މުހިންމު ކަމެއްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ދިރިއުޅުމުގެ އާދަތައް ބައްޓަންވެފައިވާ ގޮތުން ގަވާއިދުން ކަސްރަތުކުރުމަކީ އަށަގަންނުވަންޖެހޭ އާދައެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ގިނަ ވަގުތުތަކުގައި މަސައްކަތްކުރަނީ ގޮނޑިތަކުގައި އިށީނދެ ތިބެ. އެހެންކަމުން ހެލިފެލިވެ އުޅުން މަދުވެ ހަށިގަނޑަށް ބޭނުންވާ ކަސްރަތު ލިބުން ދަށްވޭ. ފުރުޞަތު ހޯދައިގެން މިކަމަށް މަސައްކަތް ކުރަން އެބަޖެހޭ. ކަސްރަތުން ދުރުހެލިވުމުން ހިތުގެ ބައްޔާއި ކެންސަރުފަދަ ތަފާތު އެކިއެކި ނުރައްކާތެރި ބަލިތަކާ ކުރިމަތިލާން ޖެހޭ," ނައިބު ރައީސް ވިދާޅުވިއެވެ.

"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްދާނެ ޕްރޮގްރާމެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމްގެ ޓްރެއިނަރުންނަށް ލިބޭ މަޢުލޫމާތުގެ ސަބަބުން އޭގެ ފައިދާ ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ލިބޭނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރުން ބޭނުންވަނީ ކޮންމެ ރައްޔިތަކުވެސް ދުވާލުގެ ކޮންމެވެސް ވަގުތުކޮޅެއްގައި ހެލިފެލިވެއުޅުމުން ލިއްބައިދޭ ފައިދާ ކޮންމެ މީހަކަށްވެސް ލިބުން," ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް އެދިވަޑައިގަތީ ލިބިފައިވާ ތަމްރީންގެ އަލީގައި ރަށުފެންވަރުގައި އެކި އުމުރުފުރާތަކަށް ޚާއްސަކޮށްގެން އިތުރު ޕްރޮގްރާމްތައް ރާވައިގެން ކުރިއަށް ގެންދިޔުމަށެވެ.

ނައިބު ރައީސް ވިދާޅުވީ ޤައުމު މި ދަނޑިވަޅު އޮންނަން ޖެހުނު ޙާލަތަކީ ރައްޔިތުންގެ ފައިދާ ނަހަމަގޮތުގައި ބަޔަކު ހިފުމުގެ ސަބަބުންކަމަށެވެ. ނަމަވެސް މިހާރު ޤައުމަށް އާމްދަނީ ލިބޭނެ އެތައް މަގެއް ފަހިވަމުންދާކަމަށާއި، ރައްޔިތުންނަށް އުފާވެރި އަދި ފާގަތި ދުވަސްތަކެއް ކުރިއަށް އޮތްތަނުގައި އަދުގެ ސަރުކާރުން ހޯދައިދޭނެކަމަށް އެމަނިކުފާނު ޔަޤީންކަން ދެއްވިއެވެ.