މި ސަރުކާރުގެ މުހިންމު ވަޢުދެއްކަމުގައިވާ އިމާރާތްކުރުމަށް ދޫކުރަން ހަމަޖެހިފައިވާ ލުއި ލޯނު “ހިޔާވަހި ފައިނޭންސިން ޕްރޮގްރާމް” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ.
ރައީސް ވިދާޅުވީ ކޮންމެ އަހަރެއްގެ ބަޖެޓުގައިވެސް މި ސްކީމަށް ބޭނުންވާ ފައިސާ ހިމެނި، މިއީ ދާއިމީ ސްކީމަކަށް ވެގެންދާނެއެވެ. "މިއީ އަމިއްލަ ގެދޮރު ބިނާކުރުމަށް ދޭ އެހީއެއް. މިއީ މިއަދު ފަށާ، އަންނަ އަހަރު ހުއްޓާލާނެ ކަމެއް ނުން. ދާއިމީކޮށް ކޮންމެ އަހަރަކު މި މަސައްކަތް ގެންދާނަން. ކޮންމެ އަހަރަކު 1 ބިލިޔަން ރުފިޔާ ހިމަނާނަން." ރައީސް ވިދާޅުވިއެވެ.
އަންނަ އަހަރަށް ހުށައެޅި ބަޖެޓުގައި ހިޔާވަހި ލޯނު ސްކީމަށް 1 ބިލިޔަން ރުފިޔާ އަދި ސަރުކާރުން ހިންގާ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް 1.5 ބިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ. 1 ބިލިޔަން ރުފިޔާ ސަރުކާރުން ބޭންކުތަކަށް މި ސްކީމަށް އިންވެސްޓްކުރިނަމަވެސް، ބޭންކުތަކުން ލޯނު ދޫކުރާއިރު ޖުމްލަ 2 ބިލިޔަނާ ހަމައަށް ލޯނު ދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ރައްޔިތުނަށް އޮތް އެންމެ ބޮޑެތި މައްސަލަތަކަށް ރިއާރަތްކުރުމަށްކަމަށެވެ. އެގޮތުން ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ބޯހިޔާވަހިކަމަށް މަސައްކަތް ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ސަރުކާރުގެ މެނިފެސްޓޯއާއި އެއްގޮތަށް، 2028 ވަނަ އަހަރު ނިމޭއިރު، ބޯހިޔާވަހިކަމުގެ މަޝްރޫޢުއަކުން ފުރުޞަތު ނުލިބޭނެ އެއްވެސް ރައްޔިތަކު ނުހުންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ.
ސަރުކާރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ގުޅިގެން ކުރިޔަށްގެންދާ މި ޕްރޮގްރާމްގެ ސަބަބުން ރަށްފުށުގައި ދިރިއުޅޭ މީހުންނަށް އެއް މިލިއަން ރުފިޔާ، އާބަން ސެންޓަރުތަކަށް 3 މިލިއަން އަދި ގްރޭޓާ މާލެ' ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް 6 މިލިއަން ރުފިޔާގެ ލޯނު ލިބުމުގެ ފުރުޞަތު ލިބިގެން ދެއެވެ.
ހިޔާވެހި ފައިނޭންސް ޕްރޮގްރާމަކީ ބޯހިޔާވަހިކަން ހޯދުމުގައި ރައްޔިތުންނަށް މާލީގޮތުން ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ހުޅުވާލެވޭ މުހިންމު ދޮރާއްޓެއް ކަމަށް ވަޒީރު ޑރ. ޙައިދަރު ވިދާޅުވެއެވެ.
ދެ ކެޓަގަރީއަކަށް ލޯނު ދޫކުރެވޭ މި ސްކީމުގެ ދަށުން ދޫކުރެވޭ ލޯނުތައް އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ލިބޭއިރު، މިއީ ގޭގެ މިލްކުވެރިކަމަށް ކޮންމެހެން ބޭނުންވާ މަގެއް ކަމަށާއި ޚާއްޞަކޮށް ގްރޭޓާ މާލެ’ ސަރަޙައްދު ފަދަ ޑިމާންޑް ބޮޑު ސަރަހައްދުތަކުގައި ބޯހިޔާވަހިކަމުގެ ހައްލު ހޯދަން ބޭނުންވާ ފަރާތްތަކަށް މިއީ މުހިންމު ފުރުޞަތެއް ކަމަށް ހައުސިންގ މިނިސްޓްރީން ފާހަގަ ކުރެއެވެ.
މި ސްކީމްގައި ދެ ލޯނު ކެޓަގަރީއެއް ހިމެނޭއިރު، މި ޕްރޮގްރާމަށް އެޕްލިކޭޝަން ހުށަހެޅުން މިހާރު ވަނީ ހުޅުވާލާފައެވެ. މިކަމުގެ ސަބަބުން އަގުހެޔޮ ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެއެވެ.
ލޯނަށް އެދި ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި މިވާ ލިންކު މެދުވެރިކޮށް ލޯނަށް ހުށަހެޅޭނެ އެވެ.









