ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެންގެ ޑިވިޝަނުގެ ޗެމްޕިއަންކަން އެޗްޑީސީ އިން ފުރަތަމަ ފަހަރަށް ހޯދައިފި އެވެ. ޤައުމީ ޓީމުގެ ގިނަ ކުޅުންތެރިން ވެސް ހިމެނޭ އެޗްޑީސީން ޗެމްޕިއަންކަން ހޯދީ ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި ދިވެހި ސިފައިންގެ ކްލަބު 3-2 އިން ބަލިކޮށްގެންނެވެ.
ގިނަ ބަޔަކަށް ހިތްގައިމު މަންޒަރުތަކެއް ފެނުނު މި މެޗުގައި ފުރަތަމަ ސެޓު ސިފައިން 25-20 އިން ކާމިޔާބުކުރި އެވެ. ނަމަވެސް ދެވަނަ ސެޓު އެޗްޑީސީ އިން 31-29 އިން ކާމިޔާބުކުރި އެވެ. ތިން ވަނަ ސެޓު އެޗްޑީސީން 25-20 އިން ކާމިޔާބުކުރުމަށްފަހު، ހަތަރުވަނަ ސެޓު ސިފައިން 25-17 އިން ކާމިޔާބުކުރި އެވެ. އެންމެ ފަހު ސެޓު އެޗްޑީސީން 15-13 އިން ކާމިޔާބުކޮށް، އެ ޓީމުން މުޅި މެޗު އަނބުރާލި އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ކުޑަކާއްޓޭއަށް އެވޯޑު ޙަވާލުކުރަނީ
މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާ،މު ޙާޞިލްކުރީ އެޗްޑީސީގެ އިސްމާޢީލް ސާޖިދު (ކުޑަ ކާއްޓޭ) އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެޗްޑީސީގެ ޙުސައިން ޝަރީފް (ނަލަ ހުސައިން) އެވެ.
އެހެނިހެން އެވޯޑުތަކުގެ ތެރެއިން، އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ޕޮލިހުގެ ޝާމިލް މުޙައްމަދު ހޮވުނު އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ ޒަންޓިމީރެވެ.
މި ކާމިޔާބީއާއެކު އެޗްޑީސީ އިން ވަނީ އެ ޓީމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދާފައެވެ.









