އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ އުސޫލުތަކާ އެއްގޮތަށް ރާއްޖެއިން ތައްޔާރުކުރި ފުރަތަމަ ބަޖެޓްކަމަށް މާލީ ވަޒީރުގެ ނައިބު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިރޭ ބޭއްވި "ރައްޔިތުންގެ ސައްލާ" ފޯރަމްގައި ވާހަކަދައްކަވަމުން ސާއިދު ވިދާޅުވީ މި ބަޖެޓުގެ ސަބަބުން އަންނަ އަހަރު 7 ބިލިއަނެއްހާ ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށެވެ. މިއީ ރާއްޖޭގެ އިޤްތިޞާދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ސާއިދު ފާހަގަކުރެއްވިއެވެ.
ސާއިދު ވިދާޅުވީ، މިއަހަރުގެ ބަޖެޓަކީ އައިއެމްއެފްގެ ގަވަރމަންޓް ފައިނޭންސް ސްޓެޓިސްޓިކްސްއާ އެއްގޮތަށް ތައްޔާރުކޮށް ހުށަހެޅި ފުރަތަމަ ބަޖެޓް ކަމަށެވެ.
"މިއަހަރުގެ ބަޖެޓުން އެންމެ ބޮޑު ތަފާތެއް ފެންނާނީ ނިޒާމީ ގޮތެއްގައި ކުރަމުން އަންނަ ޚަރަދުތައް ކޮންޓްރޯލްކޮށް، ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް އެ ޚަރަދުތައް ބައްޓަންކުރުން." ސާއިދު ވިދާޅުވިއެވެ.
ސާއިދު އިތުރަށް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓު ތައްޔާރުކުރުމުގައި ސަރުކާރުން ވަރަށް ގިނަ ކަންކަމަށް ވިސްނައި، ފަންނީ ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ. މިގޮތުން ބަޖެޓަށް އާމްދަނީ އިތުރުކުރަން އައު ގޮތްތައް ހޯދާފައިވާއިރު، އެކަންކަން ތަންފީޒުކުރާނީ ރައްޔިތުންނަށް ބުރަ ނުވާނެ ގޮތަށް ކަމަށް ސާއިދު ވިދާޅުވިއެވެ.
މިރޭގެ ފޯރަމްގައި ސާއިދުގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލްވެސް ބައިވެރިވެވަޑައިގެން ބަޖެޓާ ގުޅޭގޮތުން ވާހަކަ ދެއްކެވިއެވެ.
ޕީއެންސީން ބުނީ "ރައްޔިތުންގެ ސައްލާ" ޕްރޮގްރާމް ކޮންމެ ހަފްތާއަކު އެއް ފަހަރު ބާއްވާނެ ކަމަށެވެ. އަދި ކޮންމެ ހަފްތާއަކަށް ޚާއްޞަ މައުޟޫއެއް އޮންނާނެ ކަމަށްވެސް އެ ޕާޓީން ބުންޏެވެ.









