2025 ވަނަ އަހަރުގެ ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން މިއަދު ނިންމައިފިއެވެ.
މި ބައްދަލުވުމުގައި ކޮމެޓީގެ މުޤައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އަދި ނައިބު މުޤައްރިރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ ހޮވާފައެވެ. އަލީ ފަޒާދަކީ ސަޕްލިމެންޓަރީ ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެވެސް މުޤައްރިރުކަން ކުރެއްވި ފަރާތެވެ.
ކޮމެޓީން ވަނީ ބަޖެޓާ ގުޅޭގޮތުން އެމްއެމްއޭގެ ގަވަރުނަރު އަދި އޮޑިޓަރ ޖެނެރަލްގެ ޚުލާސާ ބަޔާނެއް ހޯދުމަށް ނިންމާފައެވެ. އަދި މިނިވަން މުއައްސަސާތަކުގެ ބަޖެޓާއި ވަކިވަކި އޮފީސްތަކުގެ ބަޖެޓުގެ ތަފްސީލު ހޯދުމަށްވެސް ވަނީ އެއްބަސްވެފައެވެ.
2025 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިމެނެނީ 49.2 ބިލިޔަން ރުފިޔާއެވެ. އޭގެ ތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިޔަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާ ހިމެނެއެވެ. ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓު ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 12.4 ބިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.
މި ބަޖެޓަކީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު އެންމެ ޑެފިސިޓް ކުޑަ ބަޖެޓު ކަމަށްވާއިރު، ގިނަ އިސްލާހީ ބަދަލުތަކެއް ގެނައުމަށްވެސް މި ބަޖެޓުގައި ހިމަނާފައިވާކަން ފާހަގަކުރެވެއެވެ.









