ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްޓަކައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިޤްތިސާދީ ތަރައްޤީއާ ބެހޭ ވަޒީރު މުހައްމަދު ސައީދެވެ. އަދި ތުރުކީގެ ފަރާތުން ސޮއިކުރެއްވީ ޓްރޭޑް މިނިސްޓަރު ޕްރޮފެސަރ ޑރ. އިމާރ ބޮލަޓްއެވެ.
އިޤްތިސާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދިންގޮތުގައި، މި އެއްބަސްވުމަކީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާންއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު ގުޅުން ބަދަހި ކުރުމަށްޓަކައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މި އެއްބަސްވުމުގެ ދަށުން، ތުރުކީ ވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ލުއިތައް ހޯދައިދިނުމުގެ އިތުރުން ވިޔަފާރީގެ ހުރަސްތައް ކުޑަކުރެވި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަކުރެވޭނެ ކަމަށް އިޤްތިސާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި ރާއްޖެއިން މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ތުރުކީގެ މާކެޓްގައި ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ފަހިކުރެވި، ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކަށް ތުރުކީގެ އުފެއްދުންތައް އަގުހެޔޮކޮށް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ވުޒާރާއިން އިތުރަށް ބުނީ، ރާއްޖެއާއި ތުރުކީއާ ދެމެދު އިޤްތިސާދީ ގޮތުން ގާތް ގުޅުމެއް މިހާރު ވަނީ ޤާއިމްކުރެވިފައިކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން އެ ގުޅުން އިތުރަށް ހަރުދަނާކުރެވި، ކުރިއަށް އޮތް ތަނުގައި ވިޔަފާރި އަދި އިޤްތިސާދީ ދާއިރާއިން މަސައްކަތްތައް އިތުރުކުރެވި، އާ ފުރުސަތުތައް ވިޔަފާރިތަކަށް ހުޅުވިގެންދާނެ ކަމަށް ވުޒާރާއިން ބުންޏެވެ.









